އަފްޣާނިސްތާނުގެ ޖަލެއް ފަޅާލައި ގިނަ އަދަދެއްގެ ގައިދީން ފިލައިފިއެވެ.

ނޫސްތައް ބުނާގޮތުން ގައިދީން ފިލާފައިވަނީ އިއްޔެގެ ވަގުތެއްގައި ހަނގުރާމަވެރިންގެ ޖަމާޢަތަކުން އެ ޖަލަށް އަމާޒުކުރި ހަމަލާތަކެއްގައި ޖަލުގެ މައި ދޮރު ގޮއްވާލުމާއި ގުޅިގެންނެވެ. މި ހަމަލާ އަކީ ޖަލުގައި ތިބި ހަނގުރާމަވެރިން ސަލާމަތްކުރުމަށް ނިރުބަވެރިންތަކެއް ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަނީ ބެލެވިފައެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައި ނުވާއިރު، ތާލިބާނުން ވަނީ މިއީ އެ ޖަމާޢަތުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ. މި ހަމަލާ ދީފައިވަނީ ޢީދާއި ދިމާކޮށް ހަމަލާ ބަދަލުކުރުން ތިން ދުވަހުގެ މުއްދަތަކަށް ހުއްޓާލުމަށް ތާލިބާނުން އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

އަފްޣާނިސްތާނުގެ ޖަލާލްއާބާދުގެ މައި ޖަލަށް އިއްޔެ ދިން ހަމަލާގައި އެތައް ސަތޭކަ ގައިދީއަކު ފިލާފައިވާއިރު، އެ ޖަލަކީ 1500 އަށްވުރެ ގިނަ ގައިދީން އެކި ކުށްތަކުގައި ޙުކުމް ތަންފީޒުކުރަމުންދިޔަ ޖަލެއް ކަމަށް ވެއެވެ. އޮފިޝަލުން ބުނެފައިވާ ގޮތުން ޖަލުގައި ތިބި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި ގައިދީން އިއްޔެ ވަނީ ފިލާފައެވެ.

ނޫސްތައް ބުނާގޮތުން އިއްޔެ ފިލި ގައިދީންގެ ތެރެއިން ބައެއް މީހުން ވަނީ އަތުލައިގެންފައެވެ. ނަމަވެސް އަދިވެސް ގިނަ އަދަދެއްގެ ގައިދީން ހޯދިފައެއް ނުވެއެވެ. މީގެ ތެރޭގައި ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅުން އޮންނަ ނިރުބަވެރިންވެސް ހިމެނެއެވެ.

އިއްޔެގެ ހަމަލާއަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ދައޭޝް ޖަމާޢަތުން ދިން ހަމަލާއެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މި ހަމަލާ ދިން ޖަލަކީ އެ ޖަމާޢަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ޖަލެކެވެ. އަދި ހަމަލާ ދީފައިވަނީ މި ޖަމާޢަތުގެ ބައެއް އިސް ވެރިން ހައްޔަރުކޮށްފައިވާކަން އަފްޣާނިސްތާނުގެ އިދާރާތަކުން ހާމަކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

މި ހާދިސާގައި ހަމަލާ ދިނުމުގައި ބައިވެރިވި ތިން މީހަކާއި އާންމުންނާއި އޮފިޝަލުން ހިމެނޭހެން އިތުރު 20 މީހަކު މަރުވެފައިވަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގި ވަގުތު ޖަލުގެ ތެރެއަށްވެސް ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަދެ ބަޑިންނާއި ގޮވާތަކެތި ބޭނުންކޮށްގެން ހަމަލާ ދީފައިވެއެވެ.