ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 568 މީހަކު އިއްޔެ މަރުވެއްޖެއެވެ.

އިއްޔެ އެމެރިކާ އިން މަރުވި މީހުންގެ އަދަދު ވަނީ އޭގެ ކުރީ ދުވަހަށް ވުރެ އިތުރު ވެފައެވެ. އާދީއްތަ ދުވަހު އެމެރިކާ އިން ކޮވިޑް-19 ޖެހިގެން މަރުވީ 467 މީހުންނެވެ. ހޮނިހިރު ދުވަހު 1123 މީހަކު ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވިއެވެ.

އެމެރިކާ އިން ކޮވިޑް-19 އަށް އިއްޔެ ފައްސިވި މީހުންގެ އަދަދު ވެސް އާދީއްތަ ދުވަހު ފައްސިވި މީހުންނަށް ވުރެ މަދެވެ. އިއްޔެ އެމެރިކާ އިން ފައްސިވެފައި ވަނީ 48622 މީހުންނެވެ.

އެމެރިކާ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 4.8 މިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން ދޮޅުލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވީނަމަވެސް އޮގަސްޓް މަހުގެ ދެވަނަ ހަފްތާގައި އެމެރިކާގެ ގިނަ ސްކޫލްތައް ހުޅުވާލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ސްކޫލްތައް އަލުން ހުޅުވާއިރު އަމަލު ކުރަން ޖެހޭ ގައިޑްލައިން މިހާރު ވަނީ އާއްމު ކޮށްފައެވެ. ސްކޫލްތައް އަލުން ހުޅުވި ނަމަވެސް ގިނަ ބެލެނިވެރިން ވަނީ އެމީހުންގެ ދަރިން ސްކޫލަށް ނުފޮނުވާނެ ކަމަށް ބުނެފައެވެ.

ވައިޓް ހައުސްގެ ތެރެއިން ތަރުތީބެއް ނެތި މީހުން ސުންކު (ސާމްޕަލް) ނަގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ރޭ ވައިޓް ހައުސް އިން ވަނީ ބުނެފައެވެ. މީގެ ކުރިން ވައިޓް ހައުސްގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުން މިހާރު ވަނީ ކޮވިޑް-19 ފެތުރެމުން ދާތީ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. އެގޮތުން ގިނަ ސްޓޭޓްތަކުގައި މިހާރު ވަނީ އިންޑޯ ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ހުއްޓާލަން އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު