ފުރަތަމަ ކާއެއްޗެހިން ރަހަ ލުން ހުއްޓިދާނެއެވެ. ދެން އަންނަނީ އާދައިގެ ހުމެކެވެ. އެއަށްފަހު ކެއްސަން ފަށައެވެ. ކެއްސުން ގަދަވެ، ކަރުގައި ރިއްސަން ފަށައެވެ. ހުން ގަދަވެ، ނޭވާ ލާން އުނދަގޫވާ ހިސާބަށް ހާލަތު ދެއެވެ. މިއީ ކޮވިޑް-19 އާއި އެކު އާއްމުކޮށް ކުރިމަތިވާ މައްސަލަތަކެވެ. މިބަލިމަޑުކަމުގައި ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮންނަތާ މިހާރު އަށެއްކަ މަސްދުވަސް ވީއެވެ.

ކޮވިޑް-19 އަކީ ފާއިތުވި ގަރުނެއްހައި ދުވަހުގެ ތެރޭގައި އިންސާނުންނަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު ކާރިސާއެވެ. ނަމަވެސް ކޮވިޑް-19 އަށް ވުރެ ނުރައްކާ ބޮޑު އެތައް ބައްޔެއް މިހާރު ވެސް ދުނިޔޭގައި ދަނީ ފެތުރެމުންނެވެ. އެފަދަ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ވެސް މާގިނައެވެ. މިހާރު ސިއްހީ މާހިރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވެސް ކޮވިޑް-19 އަށް ސަމާލުކަން ދޭ މިންވަރު އިތުރު ވުމާއި އެކު އިތުރު ބަލިތަކުގައި މަރުވާ މީހުންގެ އަދަދު އިތުރު ވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުމެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ސިއްހީ ދާއިރާގައި "ފުރޭތައެއް" ފަދަ ނުރައްކާތެރި ބަލިތައް އެބައޮތެވެ. އެންމެ ނުރައްކާތެރި ބަލިތަކުގެ ގޮތުގައި ފާހަގަ ކުރެވެނީ ޓީބީ، މެލޭރިއާ އަދި އެޗްއައިވީއެވެ. މިބަލިތަކުގައި އަހަރަކު މަރުވާ މީހުންގެ އަދަދު އެތައް މިލިއަނަކަށް އަރައެވެ.

"ކޮވިޑް-19 ގެ ނުރައްކަލާއި އެކު އަހަރެމެން މިވަނީ 20 އަހަރު ފަހަތައް ސޮއްސާލާފައި. ބައެއް ބަލިތައް ކޮންޓްރޯލް ކުރަން މިހާރު ކުރެވޭ މަސައްކަތްތައް މީގެ 20 އަހަރު ކުރިން ކުރެވުނު މަސައްކަތާއި އެއްވަރު." ޑަބްލިއުއެޗްއޯގެ ގްލޯބަލް މެލޭރިއާ ޕްރޮގްރާމްގެ ޑައިރެކްޓަރ ޑރ.ޕެޑްރޯ އަލަންސޯ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ސައިންސްވެރިން ޓީބީ، އެޗްއައިވީ އަދި މެލޭރިއާއަށް ދޭ ސަމާލުކަން ކުޑަކޮށްފައި ވާއިރު ދެން ދިމާވެފައިވާ އިތުރު މައްސަލަތަކަށް ބަލާއިރު ގިނަ ގައުމުތަކުގައި ޑޮކްޓަރަށް ދެއްކުން ވެސް ވަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ. ނަތީޖާއަކަށް ވެފައި ވަނީ ބަލި ދެނެގަނެ، އަވަހަށް ފަރުވާ ފެށުމުގެ ފުރުސަތު ކުޑަވުމެވެ.

މިހާރު އެޗްއައިވީ ޖެހިފައިވާ ކޮންމެ ހަތަރު މީހަކުން އެކަކަށް ބޭސް ފޯރުކޮށްދިނުމުގައި ވަނީ ދަތިތައް ކުރިމަތި ވެފައެވެ. އެންމެ ބޮޑަށް ޓީބީ ފެތުރޭ އެއްގައުމު ކަމަށްވާ އިންޑިއާގައި މިހާރު ޓީބީ ޖެހޭ މީހުން ދެނެގަތުން %75 ވަނީ މަދުވެފައެވެ. އެފްރިކާގެ ގައުމުތަކުގައި މެލޭރިއާ ސީޒަން މިހާރު ފެށިފައި ވާއިރު މެލޭރިއާ އިން ރައްކާތެރިވުމަށް ބޭނުންވާ ނެޓާއި ސްޕްރޭ އާއި ބޭސް މިއަހަރު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އދ.އިން މިހާރު ވެސް ވަނީ ބުނެފައެވެ.

ކޮވިޑް-19 ފެތުރެމުން ދިޔަ ނަމަވެސް އެހެން ބަލިތަކަށްދޭ ސަމާލުކަން ކުޑަނުކުރަން ޑަބްލިއުއެޗްއޯ އިން ވަނީ ގައުމުތަކަށް ގޮވާލާފައެވެ. ނަމަވެސް ގައުމުތަކުގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއާއި ޑޮކްޓަރުންނާއި ނަރުހުން ތިބި އަދަދަށް ބަލާއިރު އެހެން ބަލިތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެވޭކަށްނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙހހހހހ

    ރާކަނިޔަންނި