މެކްސިކޯގައި ކުރިއަށް އޮތް އާއްމު އިންތިޙާބުގައި ވާދަކުރާ ތިން ކެނޑިޑޭޓަކު މަރާލައިފިއެވެ. މި ތިން ކެނޑިޑޭޓުންވެސް މަރާލާފައިވަނީ އެއް ހަފްތާއެއްގެ ތެރޭގައެވެ.

ބައިނަލްއަޤުވާމީ މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، އެޤައުމުގައި ވެރިކަން ކުރާ އިންސްޓިޓުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ އިން ސްޓޭޓުގެ މަޖިލީހަށް ކުރިމަތިލާ ކެނޑިޑޭޓަކު ވަނީ މަރާލާފައެވެ. އެއަށްފަހު މިދިޔަ ހުކުރު ދުވަހު، އެޤައުމުގެ ޓެނަންގޯ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައިފައިވާ ކެނޑިޑޭޓަކުވެސް ވަނީ މަރާލާފައެވެ. އޭގެ ފަހުން، އިއްޔެވެސް، ސަރަޙައްދީ މަޖިލީހަށް ކުރިމަތިލައިފައިވާ ކެނޑިޑޭޓަކު ވަނީ މަރާލާފައެވެ.

މި ހުރިހާ ސިޔާސީ ފަރާތްތައް މަރާލާފައިވަނީ ބަޑީގެ ހަމަލާ ދީގެންކަމަށްވެސް މީޑިޔާތަކުން ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކި ޕާޓީތަކަށް ނިސްބަތްވާ މި ކެނޑިޑޭޓުން މަރާލުމުގެ ފަހަތުގައިވަނީ އެޤައުމުގައި ހަރަކާތްތެރިވަމުން އަންނަ ވަރުގަދަ މަސްތުވާތަކެތީގެ ކާޓެލްތައް ނުވަތަ ނެޓްވަރކް ތަކުންނެވެ.

މިކަންކަމާ ގުޅިގެން، އެޤައުމުގެ ބައެއް ސަރަޙައްދުތަކުގައި ސިޔާސީ ޕާޓީތަކުން ކެމްޕޭނު ކުރުންވެސް ހުއްޓާލާފައިވެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން، އެޤައުމުގެ ގިނަ އަދަދެއްގެ ސިޔާސީ ލީޑަރުން މަރާލާފައިވެއެވެ. އޭގެތެރޭގައި އެކި ފަންތީގެ ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ. ހަމައެހެންމެ، މަރާލި ސިޔާސީ ލީޑަރުންގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޖޭ

    ޑިމޮކްރަސީ އެންމެ ފައްކާވެފައި??

  2. އަޙުމަދު

    ކޮބާ އދ؟ ކޮބާ އެމެރިކާ؟ ކޮބާ އިނގިރޭސިވިލާތް؟ ޑިމޮކްރަސީގެ ލާމަސީލު!