ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި މިރޭ ގޮވި ބާރުގަދަ ގޮވުމާއެކު ލިބުނު ގެއްލުންތަކާއި ގުޅިގެން އެހީތެރިވުމަށް ފްރާންސުން އިސްނަގައިފިއެވެ.

މިކަން ހާމަކޮށް ފްރާންސުގެ ފޮރިން މިނިސްޓަރ، ޖީން-އީވެސް ލެޑްރިއަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފްރާންސް އަބަދުވެސް މަސައްކަތްކުރާނީ ލުބުނާނާއި އެޤައުމުގެ ރައްޔިތުންނާއި އެކު ކަމަށާއި، މިވަގުތު ވެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދިނުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ފްރާންސުން އަބަދުވެސް ތިބޭނީ ލުބުނާނާއި ލުބުނާނުގެ ރައްޔިތުންނާއެކު. ފްރާންސުން މި ދަނޑިވަޅުގައި ލުބުނާނުން އެދޭ ކޮންމެ އެހީތެރިކަމެއްވެދޭން އޮތީ ތައްޔާރަށް،" ފްރާންސުގެ ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މިރޭ ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ ސިޓީއަށް މި ގޮވުމާއި ގުޅިގެން ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ވަގުތު ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެ ކުދިކުދިވެފައެވެ.

އެތައް އިމާރާތަކާއި ގެތައް ބިމާއިހަމަވި މި ހާދިސާގައި މިހާތަނަށް ދިހަވަރަކަށް މީހުން މަރުވިކަން ކަށަވަރުކުރެވިފައި ވެއެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް މި ހާދިސާ އާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެސް ލުބުނާނުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މި ހާދިސާގެ ފަހަތުގައި ވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއިލް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، އިސްރާއިލް އިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.