ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ބާރުގަދަ ގޮވުންތަކެއް ގޮވައި ހިނގި ނުރައްކާތެރި ހާދިސާގެ ފަހަތުގައި ތިބި ފަރާތްތަކުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ލުބުނާނުގެ ބޮޑުވަޒީރު، ހަސަން ދިއާބް ވިދާޅުވެއްޖެ އެވެ.

މިރޭގެ ހާދިސާ އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަސަން ދިއާބް ވިދާޅުވީ، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ނުހިންގައި ދޫކޮށްނުލައްވާނެ ކަމަށާއި، "ޒިންމާވާން ޖެހޭ ބަޔަކު އެކަމުގެ އަގު އަދާކުރަން ޖެހޭނެ" ކަމަށެވެ.

ހަސަން ދިއާބް ވިދާޅުވީ، މިހާރު މި ހާދިސާ ހިނގި ސަރަޙައްދުގައި ނުރައްކާތެރި ގޮވާތަކެތި ރައްކާކޮށްފައިވާ ގުދަނެއް ހުރި ކަމަށެވެ. ހާދިސާގެ ގެއްލުން ބޮޑުވީ އެ ގުދަން ގޮވުމާއި ގުޅިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގެ ފަހަތުގައި ތިބި ބަޔަކު އިންސާފާއި ކުރިމަތިލާން ޖެހޭނެ ކަމަށް ހަސަން ދިއާބް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ހަސަން ދިއާބް ވިދާޅުވެފައި ވަނީ، މި ގޮވުމާއި ގުޅިގެން ހީވެސް ނުކުރާވަރުގެ ބޮޑެތި ގެއްލުން ބެއިރޫތައް ވެފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭނީ، މަރުވި މީހުންގެ ހަށިގަނޑުތައް ހޯދައި، ހާދިސާގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ދިއާބް ވަނީ ހާދިސާގައި ބެއިރޫތަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީއަށް އެދިވަޑައިގެންފައެވެ.

މިރޭ ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ ސިޓީއަށް މި ގޮވުމާއި ގުޅިގެން ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ވަގުތު ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެ ކުދިކުދިވެފައެވެ.

އެތައް އިމާރާތަކާއި ގެތައް ބިމާއިހަމަވި މި ހާދިސާގައި މިހާތަނަށް 50 އަށްވުރެ ގިނަ މީހުން މަރުވިކަން ކަށަވަރުކުރެވިފައި ވެއެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް މި ހާދިސާ އާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    އިޒްރޭލް ގެ އަތެއްތީ..ދުޢާ އަކީ ތަހުގީގުފުރިހަމަވުން
    އަދި އީރާން އެތެރޭގައި ގޮވި ގޮވުންގަނޑުވެސް
    ފަހަތުގައިތިބި ބަޔަކުހޯދުން...އީރާނުންވަނީ އަސްކަރީރައްދުދިނިމަށް ތައްޔާރުވެފައި ތިކަމުގެ އަޑީގެ
    ތިބިމީހުންނަށް