ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގެ ހާދިސާގައި އދ.ގެ ސުލްޙަ ބަލަހައްޓާ ފައުޖުތަކުގެ އޮފިޝަލުންނަށް އަނިޔާވެފައިވާ ކަމަށް، ލުބުނާނުގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް އިންޓަރިމް ފޯސް އިން ލެބަނަން އިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އޮފިޝަލުން ނޫސްތަކުގައި ބުނެފައިވަނީ، ހާދިސާގައި އަނިޔާވި އަދ.ގެ ސުލްޙަ ބަލަހައްޓާ އޮފިޝަލުންގެ ތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާ ލިބިގެން ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް މި ހާދިސާގައި އަނިޔާވީ އެ ޖަމިއްޔާގެ ކިތަށް އޮފިޝަލުންނަށް ކަމެއް އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

"ގޮވުމުގައި އަދ.ގެ ސުލްޙަ ބަލަހައްޓާ އޮފިޝަލުންނަށް އެކި ވަރުގެ އަނިޔާވެފައިވޭ. އޭގެތެރެއިން ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބުނު. ހާދިސާ ހިނގުމާއެކު އެފަރާތްތަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުން،" ޔުނައިޓެޑް ނޭޝަންސް އިންޓަރިމް ފޯސް އިން ލެބަނަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ބެއިރޫތުގައި ހިނގި ނުރައްކާތެރި ހާދިސާގައި އދ.ގެ އޮފިޝަލުން ބޭނުންކުރަމުން ދިޔަ މެރިންޓައިމް ޓާސްކް ފޯސް ޝިޕަކަށްވެސް ގެއްލުންވެފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. މި އުޅަނދަކީ ހާދިސާ ހިނގި ސަރަޙައްދާއި ދުރުނޫން ހިސާބެއްގައި އޮތް އުޅަނދެއް ކަމަށް ވެއެވެ.

ޔުނައިޓެޑް ނޭޝަންސް އިންޓަރިމް ފޯސް އިން ލެބަނަން އިން ބުނެފައި ވަނީ، މި އުނދަގޫ ދަނޑިވަޅުގައި އޮފިޝަލުން ތިބީ ލުބުނާނުގެ އިދާރާތަކާއެކު ކަމަށެވެ. އަދި މިވަގުތު ވެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދިނުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މިރޭ ބެއިރޫތުގައި ހިނގި ހާދިސާގައި އެ ސިޓީގެ ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެ ބިމާއި ހަމަވެފައެވެ. މިހާތަނަށް މި ހާދިސާގައި 70 އަށްވުރެ ގިނަ މީހުން މަރުވެ، 3000 އެއްހައި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.