ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި މިރޭ ހިނގި ގޮވުމުގެ ހާދިސާއާއި ގުޅިގެން، އެޤައުމާއެކު އެމެރިކާ އޮތްކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ލުބުނާނަށް ފޮނުވި ހަމްދަރުދީގެ މެސެޖެއްގައި ޓްރަމްޕް ބުނެފައިވަނީ، މިވަގުތު އެޤައުމަށް އެމެރިކާއިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއްވެސް ވާން ތައްޔާރަށް އެމެރިކާ އޮތް ކަމަށެވެ. އަދި މި ނުރައްކާތެރި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާޢަކަށް އެދި، މަރުވި މީހުންގެ އާއިލާއަށް ތަޢުޒިޔާ ފޮނުވާ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.

ޓްރަމްޕް ބުނެފައިވަނީ ލުބުނާނާއި އެމެރިކާ އާއި ދެމެދުގައި އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އެހެންކަމުން އެޤައުމަށް "އެހީތެރިވުމުގައި އެމެރިކާ ދެމިއޮންނާނެ" ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ބެއިރޫތުގައި ހިނގި ހާދިސާ އާއި ގުޅިގެން އެމެރިކާގެ އިތުރުން ގިނަ ޤައުމުތަކުން އަންނަނީ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވަމުންނެވެ. މީގެތެރެއިން ބައެއް ޤައުމުތަކުން މިހާރު އެހީތައް ފޮނުވާފައިވާއިރު، ބައެއް ޤައުމުތަކުން ރެސްކިއު ޓީމުތައްވެސް މިހާރު ވަނީ ފޮނުވާފައެވެ.

ބެއިރޫތުގައި ހިނގި ނުރައްކާތެރި މި ހާދިސާ އާއި ގުޅިގެން އެ ސިޓީގެ ބޮޑު ސަރަޙައްދެއް ވަނީ ބިމާއި ހަމަވެފައެވެ. މި ހާދިސާގައި މިހާތަނަށް 70 އަށްވުރެ ގިނަ މީހުން މަރުވެ، 4000 އާއި ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.