ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ރޭ ހިނގާދިޔާ ބާރުގަދަ ގޮވުމާއި އެކީ މަގުތަކުގައި ތިބި ކާރުތައް ބުރައިގެން އިމާރާތްތަކުގެ ތިން ވަނަ ފަންގިފިލާއާއި ހަމައަށް ދިޔަ ކަމަށް އަލްޖަޒީރާގެ ނޫސްވެރިއަކު ބުނެފިއެވެ.

އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ޓިމޯ އަޒްހާރީ ބުނެފައިވަނީ، އޭނާއަށް އަށް އެސަރަހައްދަށް ދެވިފައިވަނީ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށާއި އެވަގުތު އެސަރަހައްދު އޮތީ ބިމާއި ހަމަވެފައި ކަމަށެވެ.

"މިތަނުގައި ކާރުތައް ފެނިގެން ދިޔައީ، އިމާރާތްތަކާއި ކާރުހާނާތަކުގެ ތިން ވަނަ ފަންގިފިލާތަކުން" އަޒްހާރީ ބުނެފައި ވެއެވެ.

އޭނާ އެ ސަރަހައްދަށް ދިޔަ ފަހުން ކަން ހިނގާދިޔަގޮތް ކިޔާދެމުން ބުނެފައި ވަނީ، މާ ގިނަ އިރުތަކެއް ނުވަނީސް ހެލިކަޕްޓަރުތަކުގައި އަލިފާންގަނޑު ނިއްވުމަށް ކަމާއި ބެހޭ އިދާރާތަކުން އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް މީހުން ހޯދުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ މަސައްކަތް ފެށިފައިވަނީ އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުމަށްފަހު ކަމަށެވެ.

"އެއީ ވަރަށް އާދަޔާ ހިލާފު ގޮވުމެއް. އެ ސަރަހައްދުގައި ތިބި މީހުން ބުނީ، އެފަދަ ގޮވުމެއް ދުވަހަކުވެސް ނުދެކޭ ކަމަށް. އެސަރަހައްދަށް ދިޔަ މަގުމަތިން އޮތީ ބިއްލޫރި އެތިކޮޅުން ފުރިފައި" އަޒްހާރީ ބުންޏެވެ.

އެތައް އިމާރާތަކާއި ގެތައް ބިމާއި ހަމަވި މި ހާދިސާގައި މިހާތަނަށް 100 ވަރަކަށް މީހުން މަރުވިކަން ކަށަވަރުކުރެވިފައި ވެއެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް މި ހާދިސާ އާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެސް ލުބުނާނުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މި ހާދިސާގެ ފަހަތުގައި ވަނީ ހައްދުފަހަނައަޅާފައިވާ އިސްރާއިލް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، އިސްރާއިލް އިން ވަނީ އެކަން ދޮގުކޮށްފައެވެ.