ފަހުގެ ތާރީހުގައި ލުބުނާނުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާގައި އެގައުމަށް މިހާރު ބޭނުން ވަނީ މުޅި ދުނިޔޭގެ އެހީތެރިކަން ކަމަށް އެގައުމުގައި ހުންނަ އެމެރިކަން ޔުނިވާސިޓީގެ ޕްރޮފެސަރަކު ބުނެފިއެވެ.

ޕްރޮފެސަރ ނަސެރް ޔާސިން ބުނީ، މިފަދަ ހާދިސާއެއްގައި އެގައުމަށް ލިބިފައިވާ ގެއްލުން ފޫބެއްދުމަކީ މިހާރު އެގައުމުގެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިވަގުތު ހުރިހާ ގައުމަކުންވެސް ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދިނުން މުހިންމު ކަމަށެވެ.

އޭނާ ވަނީ މި ހާދިސާގައި، އެގައުމުގެ ބޮޑެތި ދަނޑުތައް ހަލާކުވެފައިވާ ކަން ފާހަގަކޮށް، ކެއުން ބުއިމަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ގޮވާލާފައެވެ.

"އަހަރުމެންނަށް ފެނިގެންދިޔަ ލުބުނާނުގެ ސަރުކާރުން އެންމެ އެދެވޭ ކަހަލަ ފިޔަވަޅުތަކެއް އިކޮނޮމީ، ފައިނޭންސް ޖެހުނީމަ ނާޅާކަން. މިހާރު ދިމާވެފައިވާ މި ހާދިސާގައިވެސް އެގައުމުން އަމަލު ކުރަމުން އަންނަނީ ރައްޔިތުން ބޭނުންވާ ގޮތަށް" ޔާސިން ބުންޏެވެ.

އޭނާ ބުނީ، ކުރިއަށް އޮތް ދުވަސްތަކަކީ މިކަމުގެ އަޑިގުޑަންތަކުން އަރައިގަތުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރާނެ ދުވަސްތަކެއް ކަމަށާއި އެންމެންވެސް ބަލަން ޖެހެނީ މިހާރު ދިމާވެފައިވާ ހާލަތުން އެގައުމު އަރުވައިގަނެ އިތުރު ގޮތަކަށް އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ވިސްނައި ދިނުމަށް ކަމަށެވެ.

"މިވަގުތު ބޭނުންވަނީ ޒިންމާދާރު ވެރިން. އަދި މުޅި ދުނިޔޭގެ އެހީތެރިކަން މިފަދަ ކަމަކުން އަރައިގަތުމަށް ބޭނުންވޭ" ޔާސިން ބުންޏެވެ.

ރޭ ބެއިރޫތުގައި ހިނގި ހާދިސާގައި އެ ސިޓީގެ ބޮޑު ސަރަޙައްދެއް ސުންނާފަތިވެ ބިމާއި ވަނީ ހަމަވެފައެވެ. މިހާތަނަށް މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެ، އެތަކެއް ހާސް މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.