ރޭ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ބާރު ގޮވުމެއް ގޮވައި މުޅި ސިޓީ ސުންނާފަތި ކޮށްލި ވާހަކައެވެ. ގިނަ ބަޔަކު އަންނަނީ މިއީ ކިހިނެތް ހިނގާދިޔަ ކަމެއްތޯ ބެލުމަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މިއީ ގަސްތުގައި ބަޔަކު ދީފައިވާ ހަމާލާއެކެވެ. އަނެއް ބަޔަކުގެ ތުހުމަތަކީ އެއީ އެކްސިޑެންޓެއް ކަމަށެވެ. އެހެން ނަމަވެސް ރޭ ފެނިގެން ދިޔަ އެ މަންޒަރަކީ ފަހުގެ ތާރީހެއްގައި މަދު ބަޔަކަށް ފެނިފައިވާ ނުރައްކާތެރި މަންޒަރެކެވެ.

ބެއިރޫތުގައި ގޮވި ގޮވުމުގެ އަސްލު އެކި ފަރާތްތަކުން ތަހުގީގު ކުރަމުން އަންނައިރު، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރި ވެފައިވަނީ، ފަސޭހައިން ގޮވާ ޒާތެއްގެ ކެމިކަލެއް ކަމަށްވާ "އެމޯނިއަމް ނައިޓްރޭޓް" އާއި ސީދާ އަލިފާނުގެ ހާދިސާއަކާއި ދިމާވުމުންނެވެ. އެހެން ނަމަވެސް މިކެމިކަލްގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.

ލުބްނާންގެ ބޮޑުވަޒީރު ހަސަން ދަޔާބް ވިދާޅުވީ ގޮވާފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާ ގުދަނެއްގައި ހުންނަތާ ހަ އަހަރު ވެފައިވާ 2,700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ކަމަށެވެ.

ބެއިރޫތްގެ ގޮވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ވަނީ އެފަދަ ގުނަދެއްގައި ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައިވާތީ ކުށްވެރި ކޮށްފައި

ޔުނިވާސިޓީ އޮފް މެލްބަންގެ ކެމިކަލް އެންޖިނިއަރިން ލެކްޗަރާއެއް ކަމަށްވާ ގެބްރިއަލް ޑަ ސިލްވާ ވިދާޅުވީ، އެމޯނިއަމް ނައިޓްރޭޓްގައި ވަކި ހާލަތެއްގައި ރޯވެދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ އުނދަގޫ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ވަރަށް އާދަޔާ ހިލާފް ހާލަތްތަކެއް މެދުވެރިގެން މި ކެމިކަލުން ގޮވުމެއް އުފެދޭނީ،" ޑަ ސިލްވާ ވިދާޅުވިއެވެ.

ބެއިރޫތުގައި ގޮވި މި ގޮވުން ފެނުނު ބައެއް ފަރާތްތަކުން ބުނެފައިވަނީ، އެ ގޮވުން ސިފަވަނީ "ނިއުކްލިއާ ބޮމެއް" ގޮވިހެން ކަމަށާއި އެއީ ދުވަހަކުވެސް ފެނިފައިނުވާ ކަހަލަ މަންޒަރެއް ކަމަށެވެ.

އެމޯނިއަމް ނައިޓްރޭޓަކީ ކޮބާ؟

އެމޯނިއަމް ނައިޓްރޭޓް އަކީ ގުދުރަތީ ކެމެކަލެކެވެ. ގަނޑުކޮށް ހުދުކުލައިން ހުންނަ މި ކެމިކަލަށް "ސޯލްޓްޕީޓް" ވެސް ކިޔައި އުޅެއެވެ. މިއީ އޭގެ ޒާތުގައި ގޮވާ ކެމިކަލެއް ނޫނެވެ. މި ކެމިކަލް އެންމެ ގިނައިން ފެނިފައިވަނީ ޗިލީގެ ސަހަރެއް ކަމަށްވާ އަޓަކަމާއިންނެވެ.

އޮމޯނިއަމް ނައިޓްރޭޓަކީ ވަކި ހާލަތެއްގައި ގޮވައިފިނަމަ، އެއްވެސް ކަހަލަ އިތުރު ތެލެއް ނުވަތަ އިތުރު އެއްޗެއްގެ އެހީއާއި ނުލާވެސް ގިނަ އިރުތަކެއް ވަންދެން ރޯވެފައި ހުންނާނެ ކެމެކަލެކެވެ. މިކެމިކަލް ރޯވާ ގަޑީގައި އޮކްސިޖަން ބޭރުވާތީ، އެތަށް އިތުތަކެއް ވަންދެން ހުންނާނެވެ.

އެމޯނިއަމް ނައިޓްރޭޓް

އެމޯނިއަމް ނައިޓްރޭޓް ބޭނުން ކުރަނީ ކޮންކަމަކަށް؟

އެމޯނިއަމް ނައިޓްރޭޓް އެންމެ ގިނައިން ބޭނުން ކޮށް އުޅެނީ ދަނޑުވެރިކަމުގައި ގަސްކާނާގެ ގޮތުގައެވެ. މިއީ ގަހަށް ބޭނުންވާ ނައިޓްރޮޖެން ލިއްބައިދޭ ރަނގަޅު ބާވަތެކެވެ. މިކެމިކަލް އަކީ އާންމު ގޮތެއްގައި ކަޅުދެލި މައިނުތައް ގޮއްވުމަށް ބޭނުން ކުރުމަށާއި އިމާރާތް ކުރުމުގެ މަސައްކަތަށްވެސް ބޭނުން ކުރާ ކެމިކަލެކެވެ.

އެމެރިކާގައިވެސް މިފަދަ މަސައްކަތްތަކަށް 80 އިންސައްތަ ބޭނުން ކުރަނީ މިކެމެކަލެވެ. އެމޯނިއަމް ނައިޓްރޭޓް އަކީ ވަކި ހާލަތެއްގައި ވަރަށްވެސް ނުރައްކާތެރި ގޮވާ ކެމިކަލެކެވެ.

ފަހުގެ ތާރީހެއްގައިވެސް ލުބުނާނުގައި ހިނގާދިޔަ އެންމެ ނުރައްކާތެރި ހާދިސާގައި އެތައް އިމާރާތަކާއި ގެތައް ބިމާއިހަމަވެ، މިހާތަނަށް 100 ވަރަކަށް މީހުން މަރުވިކަން ކަށަވަރުކުރެވިފައި ވެއެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް މި ހާދިސާ އާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނގަޅުވާހަކަ

    މާތް ﷲ ގެ އިރާދަފުޅުން އަދި ވަރަށް ހިތިވޭން ހުރި ދުވަސްތަކެއް އިޒްރޭލާއި ކުރިމަތިވާނެ..
    މަކަރުވެރިން އަދިބުންޏޭ ހަމްދަރުދީވަމޭ..ޢައްޒާޔަށް
    ރެޔާދުވާލު ބޮންއަޅާއިރު ކޮބާހަމްދަރުދީ...