ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ރޭގެ ވަގުތެއްގައި ހިނގާދިޔަ ގޮވުމުގެ ސަބަބުން މިހާތަނަށް 300,000 މީހުންގެ ގެދޮރު ގެއްލި، 5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އެގައުމުގެ ގަވަރުނަރު މަރުވާން އަބޫދު ވިދާޅުވެއްޖެއެވެ.

މައުވާން ވިދާޅުވީ، އެގައުމުގެ ސަރުކާރުން މިހާރު އަންނަނީ މި ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ކާނާއާއި ފެނާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވި ކަމާއި އެކީ ކުރަމުން ކަމަށެވެ.

އޭނާ ވިދާޅުވީ، މި ހާދިސާގައި ލިބުނު ގެއްލުމުގެ އަގު 5 ބިލިއަނަށްވުރެ އިތުރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ލަފާ ކުރެވޭ ގޮތުގައި މި ހާދިސާގައި 250,000 އާއި 300,000 މީހުންގެ ގެދޮރުވަނީ ގެއްލިފައި. އަދި ލިބުނު ގެއްލުމުގެ އަގު 4 ބިލިއަނާއި 5 ބިލިއަން ޑޮލަރާއި ކައިރި ކުރާނެ" މަރުވާން ވިދާޅުވިއެވެ.

ނުރައްކާތެރި މި ގޮވުމުގެ ސަބަބުން ދިރިއުޅެމުން އައި ތަންތަން ސުންނާފަތިވެފައިވާ ފަރާތްތަކުގެ ތެރެއިން 1000 އާއިލާއަށް
އެގައުމުގެ ރެޑް ކްރޮސްގެ ފަރާތުން މިހާރު ވަނީ ވަގުތީ ހިޔާ ދީފައެވެ. އަދިވެސް އިތުރު ފަރާތްތަކަށް އެހީތެރިވަމުން އަންނަ ކަމަށް އެގައުމުން ވަނީ ހާމަ ކޮށްފައެވެ.

ފަހުގެ ތާރީހުގައި ލުބުނާނުގައި ހިނގާދިޔަ ނުރައްކާތެރި މި ގޮވުމުގައި މިހާތަނަށް 100 މީހަކު މަރުވެފައިވާ ކަން ވަނީ ކަށަވަރު ވެފައެވެ. މި ހާދިސާއާއި ގުޅިގެން އިމާރާތްތައް ބިމާއި ހަމަވެފައިވާއިތު، އިތުރު މީހުންގެ ހަށިގަނޑުތައްވެސް އިމާރާތްތަކުގެ ދަށުވެފައި ހުރެދާނެ ކަމަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ، އެސިޓީގެ ގުދަނެއްގައި ރައްކާކޮށްފައިހުރި، ގިނަ އަދަދެއްގެ އެމޯނިއަމް ނައިޓްރޭޓް ކެމިކަލެއްގައި ރޯވުމުން ކަމަށް އެގައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ރޯވާން މެދުވެރިވި ސަބަބެއް އަދިވެސް ހޯދިފައެއް ނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުއްޅަބޭ

    މޮސާދުގެ ރޭވުމެއް، އަރަބިންނަށް ބިރުދައްކާލީ، އަސްލު ބުނަންބޭނުންވަނީ ނިއުކްލިޔަރ ބޭނުން ނުކުރިޔަސް ތިމަންނަމެނަށް ކަލޭމެންގެ ގައުމު ފުޑާލެވިދާނެޔޭ!