އިންޑިއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ސާޅީސްހާހަށް އަރައިފިއެވެ.

"ވޯލްޑްމީޓާގެ" މައުލޫމާތުތައް ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން އިންޑިއާ އިން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 40,729 އަށް އަރާފައެވެ. އޭގެ ތެރެއިން 909 މީހަކު މަރުވެފައި ވަނީ މިއަދު އެވެ.

މިއަދަކީ ޖުލައި މަހުގެ 23 ވަނަ ދުވަހަށް ފަހު އިންޑިއާ އިން ކޮވިޑް-19 ޖެހިގެން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ނަމަވެސް މިއަދު ވެރިރަށް ނިއުދިއްލީން މަރުވި މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިއަދު ދިއްލީން މަރުވެފައި ވަނީ 11 މީހުންނެވެ. މިއަދަކީ ޖުލައި މަހުގެ 01 ވަނަ ދުވަހަށް ފަހު ދިއްލީން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

މިއަދު އިންޑިއާ އިން 52,855 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1.9 މިލިއަނަށް އަރާފައެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިންޑިއާ އިންނެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މަހާރާޝްތުރަ، ޓަމިލްނާޑޫ، ކަރްނާޓާކާ އަދި އަންދްރަ ޕްރަދޭޝްގައި މިހަރު ވެސް ހަލުވިކަމާއި އެކު އަންނަނީ ކޮވިޑް-19 ފެތުރެމުންނެވެ. އަދި ގޯއާ، ޓްރިޕޫރާ، މަނިޕޫރުގެ ހާލަތު އިތުރަށް ގޯސްވެގެންދާ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދާއިރު ވެސް އިންޑިއާ ޕީކަށް ދާނެ ދުވަހެއް ލަފާކުރަން ވެސް ނޭންގޭ ކަމަށް ގިނަ ތަޖުރިބާކާރުން ބުނެއެވެ.