22:38

އިޓަލީން 8.5 ޓަނުގެ މެޑިކަލް ސާމާނު ލުބުނާނަށް ފޮނުވައިފި. މިއީ އިޓަލީގެ މަތިންދާ ބޯޓެއް އެހީއާއެކު ދިޔަ ދެ ވަނަ ފަހަރު. އިޓަލީގެ ފޮރިން މިނިސްޓްރީން ބުނީ ލުބުނާނަށް އެހީތެރިވުމަށް ނިންމީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް އެދުނީމަ ކަމަށް.

22:33

ޖޯޑަން އިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ފީލްޑް ހޮސްޕިޓަލެއް އެޅުމަށް ނިންމައިފި. ރިޕޯޓުތައް ބުނާ ގޮތުގައި ޖޯޑަންގެ ދެ އަސްކަރީ މަތިންދާ ބޯޓެއް މިހާރު ދަނީ ހޮސްޕިޓަލަށް ބޭނުންވާ ސާމާނުތައް ހިފައިގެން ބެއިރޫތަށް ދަތުރު ކުރަމުން.

ފީލްޑް ހޮސްޕިޓަލްގައި 160 މީހުން މަސައްކަތް ކުރުމަށް ހަމެޖެހިފައިވޭ. އަދި އެތަނުގައި 45 އެނދު ހުންނާނެ. އަދި އޮޕަރޭޝަން ކުރާ ދެ ރޫމަކާއި 10 އައިސީޔޫ އެނދު ހުންނާނެ ކަމަށްވޭ.

22:29

ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން މެޑިކަލް ޓީމުތަކާއި ސިއްހީ ސާމާނު ފޮނުވާނެ ކަން ޗައިނާ އިން އިއުލާންކޮށްފި.

22:27

ބެއިރޫތު ގޮވުން: އެންމެ ބާރުގަދަ "ބޮންތަކުގެ މަންމަ" އަށް ވުރެ ވެސް ގޮވުމުގެ ބާރުގަދަ.

19:07

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގާ ދިޔަ ނުރައްކާތެރި ގޮވުމުގެ ހާދިސާއަށްފަހު، އެގައުމުގައި ކުރިއަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ވޭދަނަ (ކޭސް)ތައް އިތުރުވެދާނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ހަމަދު ހަސަން ވިދާޅުވެއްޖެ.

18:51

ގެއްލުނު ބައެއް މީހުން ފެންނަމުން ދާ ކަމަށް، ފްރާންސްގެ ސާރޗް އެންޑް ސްކިއު ޓީމުން މި ވަނީ ބުނެފައި.

ބެއިރޫތް ގޮވުން ގޮވި ޕޯޓްގައި މީހުން ހޯދުމުގައި ހަރަކާތްތެރިވާ ފްރާންސްގެ ރެސްކިއު ޓީމްގައި ހިމެނޭ އެންމެ އިސް އޮފިޝަލަކު ބުނެފައި ވަނީ، ހަތެއް ނޫނީ އަށް މީހުން ހިމެނޭ ގްރޫޕެއް ދިރިހުއްޓާ ފެނިދާނެ ކަމަށާއި، ނަމަވެސް އެެ މީހުން ތިބީ އެ ގޮވުމުގެ ސަބަބުން ބިމާއި ހަމަވި ކޮމާންޑް ސެންޓަރު އިމާރާތުގެ ދަށުވެފައި ކަމަށް.

18:40

ބެއިރޫތް ގޮވުމުގައި މަރުވި މީހުންގެ އަދަދު ވަނީ 157 އަށް އަރާފައި ކަމަށް އެ ގައުމުން ހެލްތް މިނިސްޓްރީން ބުނެފި. ބާރުގަދަ ގޮވުމުގެ ސަބަބުން އަނިޔާވި މީހުންގެ އަދަދު ވަނީ 5000 އަށް ވުރެ މައްޗަށް އަރާފައި.

އޮފިޝަލުން ބުނެފައި ވަނީ، ޕޯޓްގައި މީހުން ހޯދުމުގެ އޮޕަރޭޝަންތައް އަދިވެސް ކުރިއަށްދާއިރު، އިތުރު މީހުން މަރުވެފައި ތިއްބާ ފެނުން އެކަށީގެންވޭ

18:08

ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ އިން ސިއްހީ ގިނަ އިދާރާތަކަކާއި ބައްދަލުކުރުމަށް ނިންމައިފި.

18:04

ލުބްނާންގެ ވެރިރަށް ބެއިރޫތްގެ ޕޯޓްގައި ހުރި ގުދަންތަކެއްގައި ހިނގި ބާރުގަދަ ގޮވުމާއި އެކީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން 5 މިލިއަން ޕައުންޑުގެ އެހީއެއް ދިނުމަށް ނިންމައިފި.

17:21

16:01

ބެއިރޫތުގައި ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާގައި އެގައުމުގައި ހުންނަ ޖަރުމަނު އެމްބަސީގެ މުވައްޒަފަކު މަރުވެފައިވާ ކަމަށް ޖަރުމަނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ

"ޖަރުމަނު އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފަކު އޭނާގެ އެޕާޓްމެންޓްގައި ހުއްޓާވަނީ މި ހާދިސާގައި ދުނިޔެ ދޫކޮށް ގޮސްފައި" ހެއިކޯ މާސް ވިދާޅުވިއެވެ.

15:42

ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު 30 ގަޑިއިރުފަހުން ދިރިހުއްޓާ މޫދުން ސަލާމަތް ކޮށްފި.

14:27

ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވި ހާދިސާގައި ބަންގްލަދޭޝްގެ ހަތަރު މީހަކު މަރުވެ، 80 މީހަކަށް ވަނީ އަނިޔާވެފައި. އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ހާދިސާގައި ބަންގްލަދޭޝްގެ ނޭވީގައި މަސައްކަތް ކުރާ 21 މީހަކަށް ވެސް އަނިޔާވި. އެ ހާދިސާ ހިނގި އިރު، ނޭވީ ޝިޕް އޮތީ ޕޯޓް ސަރަހައްދުގައި ކަމަށްވޭ.

އެ ގައުމުގެ ހިސާބުތައް ދައްކާ ގޮތުގައި ބެއިރޫތުގައި ގާތްގަނޑަކަށް 150،000 މީހުން މަސައްކަތް ކުރޭ.

14:24

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީގެ ސަރަހައްދެއް އަޅިއަށް ހަދާލި ބާރުގަދަ ގޮވުމާ ގުޅިގެން ބަންގްލަދޭޝް އިން އެހީވުމަށް ނިންމައިފި. ބަންގްލަދޭޝް އިން އިއުލާން ކުރި ގޮތުގައި، ކާނާ އާއި ސިއްހީ ސާމާނާއި މެޑިކަލް ޓީމުތައް އެ ގައުމަށް ފޮނުވުމަށް ވަނީ ނިންމާފައި.

14:20

ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީގެ ސަރަހައްދެއް އަޅިއަށް ހަދާލި ބާރުގަދަ ގޮވުމުގެ ހާދިސާ ތަހުގީގު ކުރަން "އިންވެސްޓިގޭޓިވް ކޮމިޓީ" އަށް ހަތަރު ދުވަހުގެ މުއްދަތެއް އެ ގައުމުގެ ސަރުކާރުން ދީފި. އެ ގައުމުގެ ސަރުކާރުން އެދިފައި ވަނީ ހަތަރު ދުވަހުގެ ތެރޭގައި މިކަމުގައި ޝާމިލްވާ މީހުން ހޯދުމަށް. މިކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ސަރުކާރުން ވަނީ ނިންމާފައި.

14:17

ފްރާންސްގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޮން ބެއިރޫތްގެ ޕޯޓް ސަރަހައްދަށް ވަޑައިގެން، ލުބުނާނާއި ފްރާންސްގެ ޓީމާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް. އަދި އޭގެ ފަހުން، ރައީސް އޮފީހަށް ވަޑައިގެން ރަސްމީ ވާހަކަތައް ފަށަން ހަމަޖެހިފައިވާ ކަމަށްވޭ. އަދި ރައީސް ސިޔާސީ ބައެއް ފަރާތްތަކާއި އާންމުންނާ ބައްދަލު ކުރައްވާނެ ކަމަށްވޭ.

އޮފިޝަލް ވިދާޅުވި ގޮތުގައި މެކްރޮންގެ ދަތުރުފުޅުގެ ބޭނުމަކީ ލުބުނާން އޮތީ އެކަނި ނޫން ކަން ހާމަކޮށް ދިނުމަށް. އަދި ލުބުނާންގެ ރައްޔިތުންނަށް އިތުބާރު ހޯދައި ދިނުމަކީ ދަތުރުފުޅުގެ މަގްސަދެއް ކަމަށް އޮފިޝަލް ވިދާޅުވި.

14:14

ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވި ސަރަހައްދު.

14:13

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމާ ގުޅިގެން އިރާގުން ލުބުނާނަށް ތެޔޮ ފޮނުވާނެ ކަން އެ ގައުމުން ހާމަކޮށްފި. އިރާގުގެ ތެލުގެ ކަންކަމާ ބެހޭ މިނިސްޓްރީން ވަނީ މިނިސްޓަރު އިހްސާން އަބްދުލް ޖައްބާރް އިސްމާއިލް ލުބުނާނަށް ވަޑައިގެންނެވި ކަން ހާމަކޮށްފައި. އަދި މިނިސްޓަރަށް މަރުހަބާ ދެންނެވީ ލުބުނާންގެ ބޮޑުވަޒީރު ހަސަން ދިއާބް ކަމަށް ބަޔާނުގައިވޭ.

14:11

ތުރުކީގެ އަސްކަރީ މަތިންދާ ބޯޓެއްގައި އެހީ ހިފައިގެން ބެއިރޫތަށް ގޮސްފި. މި މަތިންދާ ބޯޓުގައި ސާޗް އެންޑް ރެސްކިއު ޓީމެއް ވެސް ދަތުރު ކުރި. މި މަތިންދާ ބޯޓުގައި ރެސްކިއު މިޝަންގައި މަސައްކަތް ކުރަން 21 މީހަކާއި ދެ އިމަޖެންސީ ޔުނިޓާއި ބޭހާއި ސިއްހީ ސާމާނު ފަދަ ތަކެތި ހުރި.

14:04

ގެއަށް ގެއްލުންވި އިރު ވެސް އަންހެނަކު ޕިއާނޯ ކުޅެން އިން މަންޒަރު ހިމެނޭ ވީޑިއޯ އަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ.

11:54

ލުބުނާންގެ ވެރިރަށް ބެއިރޫތުގައި އަންގާރަ ދުވަހު ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާގައި އަނިޔާވި ހަތަރު ދުވަހުގެ ކުއްޖަކު ހިމެނޭ.

10:56

ބެއިރޫތުގައި ބާރުގަދަ އެއްޗެއް ގޮވި ހާދިސާގައި އެމެރިކާގެ އެކަކު މަރުވިކަން ކަށަވަރުވެއްޖެ. ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނީ އެމެރިކާގެ ބައެއް ރައްޔިތުންނަށް ބެއިރޫތުގައި އެއްޗެއް ގޮވި ހާދިސާގައި އަނިޔާވެފައިވާ ކަމަށް. ނަމަވެސް އަނިޔާވި އެމެރިކާ ރައްޔިތުންގެ އަދަދެއް އަދި ކަށަވަރެއް ނުވޭ.

09:39

ބެއިރޫތު ގޮވުން: "ދޮރުތައް ވިއްސައިގެން ގޮސް އިމާރާތުގައި ތާށިވެ، މަރަށް ތެޅުނިން"

04:53

03:38

03:03

02:16

01:22

00:53


ލުބުނާންގެ ވެރިރަށް ބެއިރޫތުގައި ބާރުގަދަ ގޮވުމެއް ގޮވިތާ 24 ގަޑިއިރު ވެގެން ދިޔައިރު އަދިވެސް އެހާދިސާގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުގައި އެތައް ބައެއްގެ ހަށިތައް ގެއްލިފައިވާ ކަމަށް ލުބުނާން ސަރުކާރުން ބުނެފިއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިހާދިސާގައި ވަނީ 135 މީހަކު މަރުވެފައެވެ. ބާރުގަދަ ގޮވުމުގެ ސަބަބުން އަނިޔާވި މީހުންގެ އަދަދު ވަނީ 5000 އަށް އަރާފައެވެ. ލުބުނާންގެ ސަރުކާރުން ބުނާ ގޮތުގައި މިހާދިސާގެ ސަބަބުން ލިބުނު ގެއްލުން 15 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ބާރުގަދަ ގޮވުން ގޮވަން މެދުވެރިވި ސަބަބެއް އަދިވެސް މުޅިން ޔަގީނެއް ނުވެއެވެ. ބައެއް ފަރާތްތަކުން ގެންދަނީ މިހާދިސާ ތަޙްޤީޤު ކުރަން މިނިވަން ތަޙްޤީޤު ޓީމެއް އެކުލަވާލަން ގޮވާލަމުންނެވެ. އެޓީމުގައި ބައިނަލްއަޤުވާމީ ފަރާތްތައް ވެސް ހިމަނަން ބައެއް ގައުމުތަކުން ވަނީ ގޮވާލާފައެވެ.

ބެއިރޫތުގައި ހިނގާފައިވާ ހާދިސާގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަންގާޅު

    ބަންގާޅުވަރެއް މިއަދަކު ނެތް. ހާލުގައި ޖެހޭ ހުރިހާ ތާކަށް އެހީ ފޮނުވުމުގައި އަތުކުރި އޮޅާލާފައި. ރާއްޖެއަށްވެސް އެހީ ފޮނުވަނީ. ލުބުނާނަށްވެސް އެހީ ފޮނުވަނީ.