އާދަޔާއި ޚިލާފަށް މޫސުން ގޯސްވެ އޮސްޓްރޭލިއާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ ތަސްމޭނިއާއަށް ސްނޯ ވެހިއްޖެ އެވެ.

އޮސްޓްރޭލިއާގެ މެލްބަންގެ ހުޅަނގުން 200 ކިލޯމީޓަރު ދުރުގައި ވަކިން އޮންނަ ތަސްމޭނިއާއަކީ އާންމު ގޮތެއްގައި ފިނި ގަދަވީނަމަވެސް ސްނޯ ވެހޭ ރަށެއް ނޫނެވެ. ނަމަވެސް މީގެ ހަފްތާއެއްހައި ދުވަސް ކުރިން ފަށައިގެން ފިނިގަދަވެ، މިހާރު ތަސްމޭނިއާގެ ބޮޑު ސަރަޙައްދެއް ވަނީ ސްނޯ އިން ފުރިފައެވެ. މިގޮތުން އެރަށުގެ ބައެއް މަގުތަކުން ދަތުރު ނުކުރެވޭ ވަރަށް ސްނޯ ވެހިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ތާރީޚުން އެނގޭ ގޮތުން މީގެ އެތައް ޒަމާނެއް ކުރިން ތަސްމޭނިއާއަށް މިފަދަ ގޮތަކަށް ސްނޯ ފައިބާފައި ވެއެވެ. އެއީ 1921 ވަނަ އަހަރުގެ ފިނި މޫސުމުގައެވެ. އޭގެ ފަހުން އެރަށަށް ސްނޯ ފައިބާފައި ވަނީ 1970 ވަނަ ދުވަހު އެވެ. އެފަހަރު ސްނޯ ވެހުނު ނަމަވެސް ބިންމަތީގައި މާގިނައިރުވަންދެން ސްނޯ ފެންނާކަށް ނެތް ކަމަށް ވެއެވެ.

ތަސްމޭނިއާއަށް ސްނޯ ފައިބަމުން ދަނީ، އެ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ސިސްޓަމެއްގެ ސަބަބުން ގަނޑު ފެނުގެ ބައްރު، އެންޓާކްޓިކާއިން އަންނަ ފިނީގެ ރޯޅިތަކުގެ އަސަރު ކުރަމުންދާތީ ކަމަށް މޫސުމާއި ބެހޭ އިދާރާތަކުން ބުނެއެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް އެ ރަށަށް ސްނޯ ފައިބަމުންދާނެ ކަމަށް އިދާރާތަކުން ލަފާކޮށްފައި ވެއެވެ.

އިދާރާތަކުން ބުނާގޮތުން މިހާރު ތަސްމޭނިއާއަށް އާދަޔާއި ޚިލާފަށް ފިނިގަދަވެ، ފިނިހޫނުމިން ވަނީ 2.4 ޑިގްރީއަށް ތިރިވެފައެވެ. ސްނޯ ފޭބުމުގެ އިތުރުން އެރަށަށް އަންނަނީ ވާރޭވެހުމާއެކު ގުގުރުމާއި ހޮނުއެޅުމުގެ ހާދިސާތައް ވެސް ހިނގަމުންނެވެ.

ތަސްމޭނިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ އާންމުންނަށް މިއީ އަލަށް ފެނުނު މަންޒަރެއް ކަމުން ގިނަ ބަޔަކު އަންނަނީ މި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސްމީޑީއާގައި ޙިއްސާކޮށް ޝުޢޫރު ފާޅުކުރަމުންނެވެ.

އޮސްޓްރޭލިއާ އަކީ ވަރަށް މަދުން ނޫނީ ސްނޯ ނުވެހޭ ޤައުމެކެވެ. އާންމު ގޮތެއްގައި ފިނި މޫސުންތަކުގައި ވެސް އެޤައުމުގައި ބޮޑަށް ސްނޯ ވެހެނީ ފަރުބަދަމަތީގެ ސަރަޙައްދުތަކަށެވެ.