ޔުނައިޓެޓް އަރަބް އެމިރޭޓްސް (ޔޫއޭއީގެ) އަޖްމަންގައި ބޮޑު އަލިފާންގަނޑެއް ރޯވެ އަނދަން ފަށައިފިއެވެ.

ޔޫއޭއީގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަލިފާންގަނޑާއި ގުޅިގެން އެސަރަހައްދުގެ ހޮސްޕިޓަލްތައް ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ. މި އަލިފާންގަނޑު ރޯވި ސަބަބެއް އަދި މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް ފުރަތަމަ އަލިފާން ރޯވީ "އީރާނިއަން ސޯކް" ނަމަކަށް ކިޔާ ހައިޕާ މާކެޓެއްގައި ކަމަށް ބެލެވޭ ކަމަށް ދައުލަތުގެ މީޑިއާ އިން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގާއި އީރާނިއަން ސޯކް ބަންދުކޮށްފައި ހުންނަތާ މިހާރު މަސްތަކެއް ވެއްޖެއެވެ. އެތަން ބަންދުކޮށްފައި ވަނީ މިހާރު ފެތުރެމުން އަންނަ ވައިރަސް ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކަމަށް ވެއެވެ.

އެތަނާއި އަވައްޓެރި ހިސާބުތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް އީރާނިއަން ސޯކްގެ ތެރެއިން އަލިފާން ކަންޏާއި ދުން ފެނުނު ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާތަނަށް އަދި އެއްވެސް މީހަކަށް މިއަލިފާންގަނޑުގެ ސަބަބުން ގެއްލުމެއް ލިބިފައި ނުވިނަމަވެސް އަނދަމުންދާ ސަރަހައްދުތަކުގައި ދުން ބޯވެ ޖައްވު ނިވާވެފައިވާކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

އީރާނިއަން ސޯކް އަކީ އެތައް ބައިވަރު މުދަލެއް ވައްދާފައި އޮންނަތަނެކެވެ. އެތަނަކީ އަޖްމަންގައި ހުންނަ މަގުބޫލް ތަނެކެވެ. ދުވާލެއްގެ މައްޗަށް އީރާނިއަން ސޯކް އަށް އެތައް ސަތޭކަ ބަޔަކު ޒިޔާރަތްކުރެއެވެ.

މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ ސޯކް އާއި ޖެހިގެން ހުންނަ ތާޒާ އެއްގަމު މަހުގެ ބާވަތްތައް ވިއްކަމުން އަންނަ ފިހާރައަކުންނެވެ. ހާދިސާ ރިޕޯޓް ކުރި މީހާ މި ހާދިސާ ރިޕޯޓުކުރީ އެތަނުން ދުން އަރާ މަންޒަރު ފެނިގެން ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ. އެ ފިހާރައިގައި ތިބި މީހުން ވަނީ އެވަގުތު ނިކުމެ މަގުމަތީގައި އަލިފާން ނިއްވަން އަންނަ ވެހިކަލްތަަކަށް ދަތިވާނެހެން ހުރިތަކެތި އެއްފަރާތައް ޖައްސާފައެވެ. އީރާނިއަން ސޯކް އަށް ވަންނަން އޮންނަ މަގަކީ އެއްކޮޅަށް ދުއްވޭ މަގެއް ކަމުން މިހާރު އެމަގު ވަނީ އެއްކޮށް ބަންދުކޮށްފައި ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަބޭ

    މޮސާދުގެ ޓެސްޓެއް!

  2. ދުޢާ

    މާތް ރަސްކަލާނގެއަށް ދުޢާ ދަންނަވަން އިސްރާއީލު ގެ އުނދަގުލުން ލޮބުވެތި ނިކަމެތި މުސްލިމުން ސަލާމަތް ކޮށްދެއްވުމަށް...އަދި އަވަސް މަގަކުން އެމީހުން ވޭންހުރި ނުލަފާ
    ހަނގުރާމައެއް އެބައިމީހުންނާދިމާވުން