ދުބާއީގެ އެންމެ އުސް އެއް ޓަވަރު ކަމަށްވާ މެރީނާ ޓަވަރުގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގުމާއެކު އެ އިމާރާތް ދޫކޮށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބޭރަށް ނިކުމެފައެވެ. މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ދުބާއީގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އަލިފާން ނިއްވާލެވިފައިވަނީ މި ހާދިސާ ހިނގިތާ 45 މިނެޓްފަހުންނެވެ.

ދުބާއީގެ ސިވިލް ޑިފެންސްގެ އިސްވެރިއާ މޭޖާ ޖެނެރަލް ރާޝިދު އަލް މަތްރޫޝީ ވިދާޅުވީ މި ހާދިސާ ހިނގީ އެ އިމާރާތުގެ ތެރޭގައި ނޫން ކަމަށާއި އެކަން ހިނގާފައިވަނީ އެ އިމާރާތުގެ ބޭރު ސަރަހައްދެއްގައި ކަމަށެވެ. ނަމަވެސް މިކަން ހިނގީ ބެލްކަނީއެއްގައި ކަމެއް ނުވަތަ އެހެން ތަނެއްގައި ކަމެއް އޭނާ ޔަގީންކޮށްދެއްވާފައެއް ނުވެއެވެ.

މި ހާދިސާ ހިނގިތާ ހަ މިނެޓްތެރޭ އަލިފާން ނިއްވުމަށް ފަޔާ ފައިޓަރުން އެ ސަރަހައްދަށް އައި ކަމަށް މަތްރޫޝީ ވިދާޅުވިއެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ" މަތްރޫޝީ ވިދާޅުވިއެވެ.

ދުބާއީ އަކީ ދުނިޔޭގެ އެންމެ އުސް ޓަވަރުތައް ތިބި އެއް ގައުމު ކަމަށްވާއިރު މިފަދަ އަލިފާނުގެ ހާދިސާތައް ދޭތެރެދޭތެރެއިން އަންނަނީ ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު