ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު 30 ގަޑިއިރުފަހުން ދިރިހުއްޓާ މޫދުން ސަލާމަތް ކޮށްފިއެވެ.

އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އަމިން އަލް ޒަހިދް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ފެނިފައި ވަނީ މެޑިޓެރޭނިއަން ކަނޑުންނެވެ. އޭނާ ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ ހާދިސާއަށް ފަހު ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ސަލާމަތް ކުރުމަށްފަހު، މިހާރު ރަފިކް ހަރީރީ ޔުނިވާސިޓީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ހާމަ ކޮށްފައެވެ. އެހެން ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އެއްވެސް ކަހަލަ މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ.

ބެއިރޫތުގައި ހިނގާދިޔަ މި ހާދިސާގައި އެތައް ބަޔަކު ދުނިޔެއާއި ވަކިވެގެން ދިޔައިރު، ގެދޮރު ގެއްލި އެތައް ހާސް ބަޔަކު ހާލުގައި ޖެހުނެވެ. ބައެއް އިދާރާތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 250,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ކޮވިޑް-19 ބަލިމަޑުކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކުރިމަތިލާން ޖެހުނު މި ހިތްދަތި ހާދިސާ އާއި ގުޅިގެން، ބައިނަލްއަޤުވާމީ އެހީއަށްވެސް ލުބުނާނުގެ ސަރުކާރުން ވަނީ އެދިފައެވެ. އިއްޔެގެ ހާދިސާ ހިނގާފައި ވަނީ ކޮވިޑާއި ގުޅިގެންވެސް އެޤައުމުގެ އިޤްތިސާދު ކުރިން ދަށަށް ނުދާވަރަށް ދަށްވެފައި ވަނިކޮށެވެ.

ބެއިރޫތުގެ ގޮވުމާއި ގުޅިގެން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން އަންނަނީ ލުބުނާނަށް އެހީ ހުށަހަޅަމުންނެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ އެހީދޭ އެކި ޖަމިއްޔާތަކުންވެސް ވަނީ މި ހާލަތުން އަރައިގަތުމުގައި ލުބުނާނާއި އެކު ތިބިކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ވަރަށްދެރަ ތިހާދިސާގައި ނިޔާވިމީހުންގެ ފާފަފުއްސަވާ ސުވަރުގޭގެ ޖަންނަތުލް ފިރުދޮސްގެ މަތިވެރި ދަރަޖަ ދެއްވުން އެދި ﷲސުބުހާނަހޫ ވަތައަލާގެ ޙަޟުރަތަށް ދުއާކުރަން އަދި އަނިޔާވި ޟިހުންނަށް އަވަސް ޝިފާއަށް އެދި ﷲސުބުހާނަހޫ ވަތައަލާގެ ޙަޟުރަތަށް ދުއާކުރަން. އާމީން.