ލުބްނާންގެ ވެރިރަށް ބެއިރޫތްގެ ޕޯޓްގައި ހުރި ގުދަންތަކެއްގައި ހިނގި ބާރުގަދަ ގޮވުމާއި އެކީ ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިނގިރޭސިވިލާތުން 5 މިލިއަން ޕައުންޑުގެ އެހީއެއް ދިނުމަށް ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ، އެގައުމުން 5 މިލިއަން ޕައުންޑް (6.6 މިލިއަން އެމެރިކާ ޑޮލަރު) ގެ އެހީގެ ޕެކޭޖެއްގެ ފޯރުކޮށްދޭނެ ކަމަށެވެ. އެ ޕެކޭޖުގެ ތެރެއިން މީހުން ހޯދުމުގައި ހަރަކާތްތެރިވާ މީހުންނާއި، ސިއްހީ ތަޖުރިބާކާރުން ފޮނުވާނެ ކަމަށް އޭން ވިދާޅުވިއެވެ.

"އަހަރުމެންގެ އެހީއަށް ލުބުނާނުގެ ރައްޔިތުން ބޭނުންވާ ވަގުތުގައި އަހަރުމެން ތިބޭނަން. އެގައުމަށް ބޭނުންވާ އެހީތެރިކަން ފޮރުކޮށްދޭނަން" ޑޮމިނިކް ވިދާޅުވިއެވެ.

ކޮވިޑް-19 ބަލިމަޑުކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ކުރިމަތިލާން ޖެހުނު މި ހިތްދަތި ހާދިސާ އާއި ގުޅިގެން، ބައިނަލްއަޤުވާމީ އެހީއަށްވެސް ލުބުނާނުގެ ސަރުކާރުން ވަނީ އެދިފައެވެ. އިނގިރޭސިވިލާތުން ލުބުނާނަށް މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުންވެސް އަންނަނީ މިދަނޑިވަޅުގައި އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ރަޝިއާ، ގަތަރު، އޮސްޓްރޭލިއާ އަދި ބްރެޒިލް ފަދަ ގައުމުތަށް ހިމެނެއެވެ.

ބެއިރޫތުގައި އިއްޔެ ގޮވި ގޮވުމާއި ގުޅިގެން އެޤައުމަށް އަރައި ނުގަނެވޭވަރުގެ ބޮޑެތި ގެއްލުން ލިބިފައި ވާއިރު، ގިނަ އަދަދެއްގެ އިމާރާތްތައް ފުނޑުފުނޑުވެ މަގުތަކާއި ގެތައް ވަނީ ސުންނާފަތިވެފައެވެ. ނޫސްތައް ބުނާގޮތުން މި ހާދިސާގައި އެ ސިޓީގެ ބޮޑު ބައެއް ވަނީ ބިމާއި ހަމަވެފައެވެ.