ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިނގާ ދިޔަ ނުރައްކާތެރި ގޮވުމުގެ ހާދިސާއަށްފަހު، އެގައުމުގައި ކުރިއަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ކޮވިޑް-19 ގެ ވޭދަނަ (ކޭސް)ތައް އިތުރުވެދާނެ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ހަމަދު ހަސަން ވިދާޅުވެއްޖެއެވެ.

އެގައުމުގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ހަސަން ވިދާޅުވީ، މިދަނޑިވަޅުގައި ކޮވިޑް-19ގެ ވޭދަނަތައް ގިނަ ވާނީ ގޮވުމުގެ ސަބަބުން އަނިޔާވި ފަރާތްތަކަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އެއްވެސް ކަހަލަ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ އާލާތްތައް ބޭނުން ނުކުރާތީ ކަމަށެވެ.

"މިފަދަ ދަނޑިވަޅެއްގައި އެންމެން އަވަސްވެގަތީ އަނިޔާ ލިބުނު މީހުންނަށް ފަރުވާ ދިނުމަށް. އެގޮތުން ހޮސްޕިޓަލަށް ގެންދެވުނު ފަރާތްތަކަށް ފަރުވާދޭ ޑޮކްޓަރުންނަށް އެންމެ އެކަށީގެންވާ މިންވަރަށް ސަލާމަތީ އަލާތްތައް ބޭނުން ކޮށްފައި ނުވާކަން އެއީ ބިރުގަންނަ ކަމެއް. އަދި ކުރިއަށް 10 ވަރަކަށް ދުވަހަށް ކޮވިޑް-19 ޖެހޭ މީހުންގެ އިންސައްތަވެސް އިތުރުވެދާނެ" ހަސަން ވިދާޅުވިއެވެ.

އަންގާރަ ދުވަހު ހިނގާދިޔަ މި ހާދިސާގައި 157 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 5000 އެއްހާ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ. އަދި މި ހާދިސާގައި 4 ހޮސްޕިޓަލެއް ވަނީ ހަލާކުވެފައެވެ. މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ގޮވި ސަރަހައްދު ވަނީ ސުންނާފަތި ވެފައެވެ.

ލުބުނާނުގައި މިހާތަނަށް ކޮވިޑް-19 ޖެހިގެން 5،417 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރެއިން 68 މީހަކު މަރުވެފައިވާއިރު، މި ބަލިން 1،880 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި 3،469 މީހަކަށް މިހާރު ފަރުވާ ދެމުން އަންނައިރު، 41 މީހަކަށް ފަރުވާ ދެނީ އައިސީޔޫގައެވެ.