ލުބުނާންގެ ވެރިރަށް ބެއިރޫތުގައި މީގެ ދެދުވަސް ކުރިން ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 157 އަށް މިހާރު ވެސް ވަނީ އަރާފައެވެ. އެބާރުގަދަ ގޮވުމުގެ ސަބަބުން 5000 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ އެތައް އިމާރާތަކަށް ގެއްލުން ލިބުނެވެ.

ބާރުގަދަ ގޮވުމަކީ ބެއިރޫތުގެ ޕޯޓްގައި ރައްކާކޮށްފައި ހުރި 2700 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ހުޅުހިފައިގެން ގޮވި ގޮވުމެއް ކަމަށް ލުބުނާންގެ ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ. މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުުގައި ތިބި ތަޖުރިބާކާރުން ގެންދަނީ ބެއިރޫތުގައި ބާރުގަދަ ގޮވުން ގޮވި މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ދިރާސާކޮށް އެފަރާތްތަކަށް ފެންނަ ޚިޔާލުތައް ފާޅުކުރަމުންނެވެ.

އެމެރިކާގެ ކެލިފޯނިއާގައި ހުންނަ މިޑްލްބަރީ އިންސްޓިއުޓް އޮފް އިންޓަނޭޝަނަލް ސްޓަޑީސްގެ ނިއުކްލިއާ އަދި ކޮންވެންޝަނަލް ހަތިޔާރާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޖެފްރީ ލެވިސް ވިދާޅުވާ ގޮތުގައި ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން އުފެދުނު އަލިފާންގަނޑާއި އެރި ލޮޅުން "ޖީބީޔޫ-43/ބީ" ނަމަކަށް ކިޔާ ބޮން ނުވަތަ އެމެރިކާގެ އަސްކަރިއްޔާގައި އޮތް "ބޮންތަކުގެ މަންމަ" ބޮން އެޅުމުން އުފެދުނު އަލިފާންގަނޑާއި އެރި ލޮޅުމަށް ވުރެވެސް ބާރުގަދަ އެވެ.

ބޮންތަކުގެ މަންމަ ބޮމުގެ ގޮތުގައި ނަން ދީފައިވާ ބޮން އެމެރިކާ ސިފައިން ވަނީ 2017 ވަނަ އަހަރުގެ އޭޮޕްރީލް މަހު އަފްޣާނިސްތާނަށް އަޅާފައެވެ. އެބޮން އެޅި އަފްޣާނިސްތާންގައި ތިބި އައިއެސް ހަނގުރާމަވެރިންގެ މަރުކަޒަކަށެވެ.

ބެއިރޫތުގެ ގަވަރުނަރު ވެސް ވަނީ ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމާއި ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާ އިން ޖަޕާންގެ ހީރޯޝީމާ އާއި ނަގަސާކީއަށް އެޅި ނިއުކްލިއާ ބޮމާއި އެއްވަރު ކޮށްފައެވެ.

ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ބެއިރޫތުގައި ގޮވީ އެމޯނިއަމް ނައިޓްރޭޓް ކަމަށް ވީނަމަވެސް އެގޮވުމުގައި ކޮންމެވެސް ކަހަލަ ހަތިޔާރެއް ބޭނުން ކޮށްފައި ހުންނާނެ ކަމަށް ބެލެވެއެވެ. ބެއިރޫތުގެ ބާރުގަދަ ގޮވުން ގޮވަން މެދުވެރިވި ސަބަބު ބަލަން މިނިވަން ތަޙްޤީޤެއް ކުރިއަށް ގެންދަން ގިނަ ގައުމުތަކުންނާއި ގިނަ ޖަމާޢަތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަސީމް

    ތިކަންކުރަ ބަޔަކަށް ތީގެ ހިތިފެންނާނެ...

    • Anonymous

      ތިކަމުގެ އަޑީގައި ޤައުމުގެ ޣައްދާރުންނާއި ޔަހޫދީންގެ އަތެއްނުވެ ނުދާނޭ.

  2. ބޯކިބާ

    ބޮންތަކުގެ ހަގީގީ އަމާ އުފެއްދީ ރަޝިއާއިން. ތިބުނާ އަމާއަށްވުރެ ރަޝިއާ އަމާ ބާރުގަދަކަމަށް ބުނަނީ.

    11