ސްކޮޓްލޭންޑްގެ ފިރިހެނެއް ކަމަށްވާ އުމުރުން 43 އަހަރުގެ ސްކޮޓް މިލާ އަށް ކޮވިޑް-19 ޖެހިގެން ކޯމާއެއްގައި އޮންނަތާ ދުވަސްތަކެއް ފަހުން ހާލަތު ރަނގަޅުވެ ހޭއެރުމާއި އެކު ފުން ހިތާމައަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. މިލާ ހޭއެރިއިރު ކޮވިޑް-19 ޖެހިގެން މިލާގެ އަނބިމީހާ އާއި އޭނާގެ މަންމަ ވަނީ މަރުވެފައެވެ. އަދި މިލާގެ މަންމަގެ ލޯބިވެރިޔާ ވެސް ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

މިލާގެ އާއިލާ އިން ފުރަތަމަ ކޮވިޑް-19 ޖެހުނީ އުމުރުން 76 އަހަރުގެ މަންމަ ނޯމާ އަށެވެ. މަންމަގެ ހާލު ދެތިން ދުވަސް ތެރޭގައި ވަރަށް ބޮޑަށް ގޯސްވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. އޭގެ ފަހުން މިލާ ވެސް ކޮވިޑް-19 އަށް ފައްސިވެ ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ.

މިލާ ބުނީ ކޯމާގައި އޮވެފައި ހޭއެރުމާއި އެކު ކޮންމެވެސް ކަމެއް އޭނާގެ މަންމައަށް ވެއްޖެ ކަމުގެ އިހްސާސް އޭނާ އަށް ދިޔައީ ކުރެވެމުންނެވެ. "އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައީ އަހަރެންގެ މަންމަ އަށް ކޮންމެވެސް ކަމެއް ވެއްޖެއޭ. ނަރުހުން އަހަރެން ކައިރީގައި މަންމަ މަރުވި ވާހަކަ ބުނުމުން އަހަރެންނަށް އެކަން ގަބޫލެއް ވެސް ނުކުރެވުނު. އަހަރެންގެ ހަޔާތުގައި އެންމެ މުހިއްމު ބައިވެރިން އަހަރެންނާއި ވަކިވެގެން ދިއުމަކީ ވަރަށް ބޮޑު ހިތާމައެއް." މިލާ ބުންޏެވެ.

މިލާގެ ބައްޕަ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ. އޭނާގެ އާއިލާގައި ދެން އިތުރު މީހަކު ނެތެވެ.

މިލާ ބުނީ ކޮވިޑް-19 ޖެހުމުން އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި އެއްވެސް މީހަކު ކޮވިޑް-19 ލުއި ގޮތަކަށް ނުދެކުމަށް އިލްތިމާސް ކުރާކަމަށެވެ. "ބަލި ޖެހުނީމަ އެނގޭނީ ކުރެވޭ އިހްސާސް. އަހަރެން ހިއެއް ނުކުރަން އަހަރެންގެ ފުރާނަ ސަލާމަތް ވެދާނެ ކަމަކަށް." މިލާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މިދިވެހި ގައުމުގަ ތިބައްޔަކީ އާދައިގެ ކަމެއްގެ ގޮތުގަ ދޮންކަލޯ ދެކެނީ ނިކަން ވިސްނައިދީބަލަ ކަމެއްވަންޔާ.