ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާއިން މި ބައްޔަށް ފައްސިވީ މީހުންގެ އަދަދު ފަސް މިލިއަނަށް އަރައިފިއެވެ.

އެޤައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު ފަސް މިލިއަނަށް އަރާފައި މިވަނީ، އިއްޔެވެސް އިތުރު އެތައް ހާސް ބަޔަކު އަލަށް ފައްސިވުމާއި ގުޅިގެންނެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ބައިލައްކައަށްވުރެ ގިނަ މީހުން ހިމެނޭހެން އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 5,025,350 އަށް އަރާފައެވެ.

އެމެރިކާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމުގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ސްޓޭޓް ތަކުގެ ތެރޭގައި ކެލެފޯނިއާ އާއި، ފްލޮރިޑާ އާއި ޓެކްސަސް އާއި ނިއުޔޯކާއި ޖޯޖިއާ އާއި އިލިނޮއިސްގެ އިތުރުން ނިއު ޖާޒީ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ފައްސިވީ ކެލެފޯނިއާއިން މިހާތަނަށް ބަލީގެ 537,698 ވޭދަނަ ފެންމަތިވެފައި ވެއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ލައްކައަކަށްވުރެ ގިނަ މީހުން ފައްސިވެފައިވާ އެމެރިކާގެ 13 ސްޓޭޓެއް އެބަ އޮތެވެ. އަދި އެންމެ މަދުން މި ބަލީގެ ވޭދަނަތައް ފެންމަތިވި ސްޓޭޓުން ވެސް 1400 އަށްވުރެ ގިނަ މީހުން ފައްސިވެފައި ވެއެވެ.

ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ގެ ވޭދަނަތައް އެމެރިކާގައި އިތުރުވަމުން އަންނައިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އެޤައުމުގައި އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެވެސް އިތުރު ހާހަކަށްވުރެ ގިނަ މީހުން ހިމެނޭހެން މިހާތަނަށް އެޤައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 162,000 އަށް އަރާފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 2,569,113 މީހެކެވެ. އެހެންކަމުން މިވަގުތު އެޤައުމުގައި ފަރުވާދެމުން ދަނީ 2,293,588 މީހަކަށެވެ. މީގެ ތެރެއިން 18,437 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މިބަލީގައި އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. އަދި ބަލީގައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީވެސް އެމެރިކާއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެޤައުމަށް މި ބަލިމަޑުކަމުގެ ނުރައްކާ އިތުރުވެގެންދާނެ ކަމުގެ ބިރު އެބައޮތެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 19.2 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން 716,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު