ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ފައްސިވީ މީހުންގެ އަދަދު ދެމިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,025,409 އަށް އަރާފައެވެ. މީގެ ތެރެއިން 62,170 މީހަކު ފައްސިވެފައި ވަނީ މިދިޔަ 24 ގަޑިއިރު ތެރޭގައެވެ. މިއީ މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ފެނުނު ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ފަހަރުވެސް މެއެވެ.

އިންޑިއާއަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އަދި އެޤައުމަކީ މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވެ، ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައި ވަނީ 1,377,384 މީހެކެވެ. މީގެތެރެއިން 50,184 މީހަކު ރަނގަޅުވިކަމަށް ރެކޯޑް ކުރެވިފައި ވަނީ އިއްޔެ އެވެ. އިދާރާތަކުން ބުނާގޮތުން މިވަގުތު އިންޑިއާގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ 606,387 މީހުންގެ ތެރެއިން 8,944 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ. އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު