އަވައްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓުގައި ހިނގި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާއެއްގައި ގިނަ 15 މީހަކު މަރުވެ ގިނަ އަދަދެއްގެ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާ ހިނގާފައި ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެ ސަރަޙައްދަށް ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހެމުން ދިއުމާއި ގުޅިގެންނެވެ. މި ހާދިސާ ހިނގާފައި ވަނީ ކެރެލާގެ އިޑުއްކި ޑިސްޓްރިކްޓުގެ ރާޖަމަލައިގައެވެ.

އިދާރާތަކުން ބުނެފައިވާ ގޮތުން މި ސަރަޙައްދުގެ ބިންގަނޑު ކަނޑައިގެންގޮސް ހިނގި ނުރައްކާތެރި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

މި ހާދިސާ އާއި ގުޅިގެން ކެރެލާ ފުލުހުންނާއި ރެސްކިއު ޓީމުތަކުގެ އިތުރުން އެޤައުމުގެ ފަޔަރ ބްރިގޭޑްސް އާއި އާންމު ގިނަ ބަޔަކު ބައިވެރިވެގެން ވަނީ ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ސަލާމަތްކުރެވިފައި ވާކަމަށް އިދާރާތަކުން ބުނެއެވެ. އޭގެތެރޭގައި ކޯރެއްގެ ތެރެއިން ސަލާމަތްކުރި ގިނަ އަދަދެއްގެ ބަޔަކު ވެސް ހިމެނެއެވެ.

ކެރެލާ ސަރުކާރުން ބުނެފައިވާގޮތުން އެ ސްޓޭޓަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން، ހެލިކަޕްޓަރު ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމަށްވެސް ވަނީ ހުރަސް އެޅިފައެވެ. އެހެންކަމުން މިވަގުތު މި އޮޕަރޭޝަނުގައި ހެލިކަޕްޓަރު ބޭނުން ކުރަމުން ނުދާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ސްޓޭޓުގެ ބައެއް ހިސާބުތަކަށް ވާރޭވެހޭތާ މިހާރު ވަނީ ހަފްތާއެއްހައި ދުވަސް ވެފައެވެ. މިކަމާއި ގުޅިގެން އިތުރު ހާދިސާތައް ވެސް ހިނގާފާނެ ކަމަށްޓަކައި ރެސްކިއު ޓީމުތައް އެ ސްޓޭޓަށް ފޮނުވުމުގެ މަސައްކަތް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.