ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އިންޑިއާއިން އިތުރު 60,000 އަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި އިތުރު 940 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން އިއްޔެ އެކަނިވެސް އިތުރު 61,455 މީހަކަށް ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2,086,864 އަށް އަރާފައެވެ.

އިންޑިއާއިން އިއްޔެ އިތުރު 940 މީހަކު ކޮވިޑް-19 ޖެހިގެން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާއިރު މިއީ އެޤައުމުން އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. މިއާއެކު އެޤައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 42,578 އަށް އަރާފައެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާއަށް ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު، އެޤައުމުން ބަލި ޖެހޭ މީހުންނާއި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އިންޑިއާ އަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 1,427,669 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑްކުރެވުނު 50,285 މީހަކުވެސް ހިމެނެއެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 616,617 މީހަކަށެވެ. މީގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

އިންޑިއާއަކީ ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން އެޤައުމުން ކޮވިޑް-19 ގެ ބަލީގައި މަރުވާ މީހުންގެ އަދަދު ކުރިޔަށް އޮތްތަނުގައި ވެސް އިތުރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮން ބަބުރު ސޮރު

    މީ ކަލޭމެންގެ ފެންވަރު މަރުވެފައިވާ މައްޔިތާ އުފުލަން ލިބުނީ އަތް ގާޑިއާގަނޑެއް، ޗައިނާ ދެކުނީންތަ؟؟؟؟