ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މެކްސިކޯގެ ހާލަތު އިތުރަށް ގޯސްވެ، އެޤައުމުން މަރުވި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މެކްސިކޯއިން އިއްޔެ އެކަނިވެސް އިތުރު 819 މީހަކު މަރުވެފައި ވެއެވެ. އެހެންކަމުން އިއްޔެ އާއި ހަމައަށް އެޤައުމުން ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 50,517 ގައެވެ.

ދުވަހެއް ދުވަހަކަށް މެކްސިކޯގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުން އަންނައިރު އެޤައުމުން އިއްޔެ އެކަނިވެސް އިތުރު 6,590 މީހަކު ހިމެނޭހެން މިހާތަނަށް ޖުމްލަ 462,690 މީހަކު މި ބައްޔަށް ފައްސިވެފައި ވެއެވެ.

މެކްސިކޯ އަކީ މިވަގުތު ދުނިޔެއިން ހަވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ. ފަހަކަށް އައިސް އެޤައުމުން އަލަށް ބައްޔަށް ފައްސިވާ މީހުންނަށް ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު މެކްސިކޯއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 308,848 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މީގެ ތެރެއިން އިއްޔެ ރަނގަޅުވިކަމަށް ރެކޯޑް ކުރެވިފައި ވަނީ 4,140 މީހެކެވެ.

މެކްސިކޯގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ 103,325 މީހަކަށެވެ. އޭގެތެރެއިން 3,987 މީހަކަށް ފަރުވާދެނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެންކަމުން ބަލީގައި ކުރިޔަށް އޮތް ދުވަސްތަކުގައި މަރުވާ މީހުން އިތުރުވެގެން ދިއުމުގެ ނުރައްކާ މެކްސިކޯއަށް އެބައޮތެވެ.

މިހާރު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެކްސިކޯއިން އެންމެ ފުރަތަމަ މި ބަލީގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.