މަސްތުވާތަކެތި ސިއްރުން އެތެރެ ކުރުމަށް އެމެރިކާ އާއި މެކްސިކޯ އާއި ދެމެދު ބިމު އަޑިން ހަދާފައިވާ ވަރަށް ފުރިހަމަ މަގެއް ނުވަތަ ޓަނަލްއެއް އެމެރިކާގެ ސަލާމަތީ ބާރުތަކުން ހޯދައިފިއެވެ. މި ޓަނަލް ފެނިފައި ވަނީ ޖުލައި މަހުއެވެ. ނަމަވެސް ޓަނަލް ފެނުނުކަން އެމެރިކާގެ ސަލާމަތީ ބާރުތަކުން އިއުލާން ކުރީ މިއަދު އެވެ.

އެމެރިކާ އާއި މެކްސިކޯ އާއި ދެމެދު ބިމުއަޑިން ޓަނަލްތައް ހަދާފައި ހުއްޓާ ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް އެމެރިކާގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުން ބުނާ ގޮތުގައި ޖުލައި މަހު ފެނުނު ޓަނަލް މިއީ އެމެރިކާގެ ތާރީޚްގައި ވެސް ފެނުނު އެންމެ ފުރިހަމައަށް ހަދާފައި ހުރި ޓަނަލްއެވެ.

މިޓަނަލްގެ ދިގުމިން 1300 ފޫޓަށްވުރެ ދިގެވެ. ޓަނަލް ފެނުނު އިރު އެއްކޮށް މަސައްކަތް ނިމިފައެއް ނުވެއެވެ. ނަމަވެސް ޓަނަލްގައި ވަރަށް ފުރިހަމަ ވެންޓިލޭޝަން ސިސްޓަމަކާއި ފެން ހޮޅިއަކާއި ކަރަންޓްގެ ޚިދުމަތާއި އަދި ރެއިލް ސިސްޓަމެއް ވެސް ހުއްޓެވެ.

"މިއީ މީގެ ކުރިން އަހަރެމެންނަށް ފެނިފައި ނެތްފަދަ ފުރިހަމަ ޓަނަލްއެއް. އެމެރިކާގެ ތާރީޚްގައި ވެސް އަދި މިފަދަ ޓަނަލްއެއް ފެނިފައެއް ނުވޭ." ޗީފް ޕެޓްރޯލް އެޖެންޓް ކާލް ލަންޑްރަމް ވިދާޅުވިއެވެ.

ތިން ފޫޓް ފުޅާ އަދި އުސް މިނުގައި ހަތަރު ފޫޓް ހުރި ޓަނަލް އޮތީ ބިމުގެ 25 ފޫޓް އަޑީގައެވެ. މިޓަނަލް އަކީ ކޮން ގޭންގަކަށް ނިސްބަތްވާ ޓަނަލްއެއް ކަމެއް އަދި އެމެރިކާގެ އޮފިޝަލުން ހާމައެއް ނުކުރެއެވެ.

އެމެރިކާ އާއި މެކްސިކޯ އާއި ދެމެދު މިހާރު ފާރެއް ރާނާ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފެށުމާއި އެކު ބިމު އަޑިން ޓަނަލްތައް ހެދުން އިތުރު ވެގެން ދާނެ ކަމަށް އެމެރިކާގެ ފުލުހުން ލަފާކުރެއެވެ. އެހެންވެ މިފަދަ ޓަނަލްތައް ހޯދުމަށް ކުރާ މަސައްކަތް އިތުރު ކޮށްފައިވާ ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެސްކޮބާ

    އެލް ޗަޕޯގެ ކަމަކަށް ތިވާނީ

    13
    2
  2. ފަރުމަސް

    އަނހަ ބަލަ އަހަރެމެން ހީކޮށްގެން މިތިބީ އަފުގާނިސްތާނުމީހުން އެކަނި ކުރާކަމެއްކަމަށް ތިޔައީ.

    24
    3