މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ކެރެލާގައި ފްލައިޓެއް އެކްސިޑެންޓުވެ ހިންގި ނުރައްކާތެރި ހާދިސާގައި މަރުވި މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް، ރިޕޯޓްތައް ބުނެފިއެވެ.

ކެރެލާގެ ޗީފް މިނިސްޓަރ، ޕިނަރައި ވިޖަޔަން އާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، ހުކުރު ދުވަހުގެ ހާދިސާ އާއި ގުޅިގެން މަރުވި 18 މީހުން ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައެވެ. އޭގެތެރެއިން އެކަކު ބައްޔަށް ފައްސިވެފައިވާއިރު ފްލައިޓުން ދަތުރުކުރި އެހެން މީހުން ވެސް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވިޖަޔަން ބުނެފައި ވެއެވެ.

އޭނާ ބުނެފައިވާ ގޮތުން އެކްސިޑެންޓިވި އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓަކީ، ދުބާއީގައި ތިބި އިންޑިއާ މީހުން އަނބުރާ ޤައުމަށް ގެނައުމަށް ބޭއްވި ފްލައިޓެއް ކަމަށެވެ. އެހެންކަމުން ކުރިންވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން ފަސެންޖަރުންގެ ޓެސްޓުތައް ހަދައި، ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދުނިޔެއިން ތިންވަނައަށް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އިންޑިއާގައި ހިނގި މި ފްލައިޓް އެކްސިޑެންޓުގައި މަރުވި މީހަކު މިބައްޔަށް ފައްސިވުމާއި ގުޅިގެން، މި ހާދިސާ ހިނގި ސަރަޙައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި އާންމު ފަރާތްތަކަށް ވެސް ބަލި ޖެހިފައި ވެދާނެ ކަމުގެ ބޮރު މިހާރު އެބައޮތެވެ. އެހެންކަމުން އެފަރާތްތައްވެސް އަވަހަށް ބައްޔަށް ޓެސްޓުކޮށް، ގޭގައި އެކަހެރިވެ ތިބުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓް ވެއްޓިފައި ވަނީ ވިއްސާރައިގައި ބޯ ވާރޭވެހެމުން ދަނިކޮށް ރަންވޭގައި ފްލައިޓު ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ ކަހާލައިގެން ދިއުމުންނެވެ. މިހާދިސާގައި ފްލައިޓް ގޮސް ފާރެއްގައި ޖެހި، ދެބަޔަކަށް ވަނީ ބުރިވެފައެވެ.

ނޫސްތައް ބުނާގޮތުން މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި 184 ފަސެންޖަރަކު ތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 128 ފިރިހެނުންނާއި 46 އަންހެނަކާއި ދިހަ ކުޑަކުދިންނެވެ. މި ހާދިސާގައި 123 މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާދެމުން އަންނައިރު، މަރުވި 18 މީހުންގެ ތެރޭގައި ފްލައިޓުގެ ޕައިލެޓުންވެސް ހިމެނެއެވެ. އިދާރާތަކުން ބުނާގޮތުން މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން 13 މީހަކަށް ފަރުވަދެނީ ސީރިއަސް ހާލުގައެވެ.