ކޮވިޑް-19 އަސް އުފައްދާފައިވާ ވެކްސިނެއްގެ ތިންވަނަ މަރުހަލާގެ ތަހްލީލްތައް ސައުދީ އަރަބިއްޔާގައި ފަށަން ތައްޔާރުވެފައިވާ ކަމަށް އެގައުމުން މިއަދު ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީން މިއަދު ބުނީ ޗައިނާގެ ކޭންސިނޯ ބައިލޮޖިކްސް އުން އުފައްދާފައިވާ ވެކްސިންގެ ތިން ވަނަ މަރުހަލާގެ ތަހްލީލްތައް ސައުދީ އަރަބިއްޔާގައި ފަށަން ތައްޔާރު ވެފައިވާ ކަމަށެވެ. މިވެކްސިންގެ ތިން ވަނަ މަރުހަލާގެ ތަހްލީލްތައް ސައުދީ އަރަބިއްޔާގެ އިތުރުން ބައެއް އެހެން ގައުމުތަކުގައި ވެސް ކުރިއަށް ގެންދާނެއެވެ. ނަމަވެސް އަދި އިތުރު ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެއެވެ.

ކޭންސިނޯ ކުންފުނިން އުފެއްދި ވެކްސިން ފުރަތަމަ ތަހްލީލް ކޮށްފައި ވަނީ މާޗް މަހު ޗައިނާ ގައެވެ. ފުރަތަމަ 108 ވޮލެންޓިއަރަކަށް ވެކްސިން ދީގެން އެއީ ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކުރިއެވެ. އޭގެ ފަހުން އޭޕްރީލް މަހު އިތުރު 603 ވޮލެންޓިއަރަކަށް ވެކްސިން ދީގެން މިއީ ކޮވިޑް-19 އިން ރައްކާތެރި ވެވިދާނެ ވެކްސިނެއްކަން ކަށަވަރު ކުރިއެވެ.

ކޭންސިނޯ ކުންފުނީގެ ވެކްސިންތައް ތަހްލީލް ކުރަން މީގެ ކުރިން ކުރިއަށް ގެންދިޔަ ތަހްލީލްތަކާއި ގުޅޭ ގޮތުން މެޑިކަލް ޖާނަލްތަކުގައި އާއްމު ކޮށްފައިވާ ރިޕޯޓްތަކުގައި ބުނެފައި ވަނީ މިއީ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭނެ، ނުރައްކާތެރި ސައިޑް އިފެކްޓްތައް ކުރިމަތި ނުވާނެ ވެކްސިނެއްކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދާ ތަހްލީލްތަކުގައި 5000 ވޮލެންޓިއަރަކަށް ވެކްސިން ދޭނެއެވެ. ވެކްސިން ދޭނީ ސިއްހަތު ރަނގަޅު ޒުވާނުންނަށެވެ. މިތަހްލީލްތައް ކުރިއަށް ގެންދާނީ ކިހައި ދުވަހަކަށް ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

ތަހްލީލްތައް ކުރިއަށް ގެންދާނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދްގެ އިތުރުން މައްކާ އާއި ދައްމާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހާ

    އަލްހަ މުދުﷲ

  2. އާމްސްޓްރޯންގު

    ހަލާލު ވެކްސިނެއްތަ؟