މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމުގައި އެންމެ ބޮޑު ގޮންޖެހުންތަކާއި ކުރިމަތިވާ، އެންމެ ހާލަތު ގޯސް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. ބައްޔަށް ފައްސިވާ މީހުން ދެނެގަތުމާއި، ޓެސްޓުކުރުމުގެ އިތުރުން ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ވެސް އިންޑިއާގައި ވަނީ އެތައް ދަތިތަކަކާއި ކުރިމަތިވެފައެވެ.

މީގެ އިތުރުން އިންޑިއާއަކީ އެންމެ ގިނަ ދީންތަކުގެ މީހުން އުޅޭ އެއް ގައުމަށްވެފައި އެ ގައުމަކީ ބޯދާ ޚިޔާލުކާއި ޤަބޫލުކުރުންތަކަށް ބަރޯސާވާ މީހުން ތިބި ގައުމަކަށް ވުމުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކަމަށް ބުނެ ބުއްދި ގަބޫލުނުކުރާ އެތައް ކަމެއް އެގައުމުގައި އަންނަނީ ހިނގަމުންނެވެ.

އެގޮތުން ގެރީގެ ނަޖިސް ގައިގައި އުނގުޅުމާއި، ގެރީގެ ކުޑަ ކަމުދާ ތަކެތި ބުއިމާއި، އަލިފާނުގައި ހިނގުން ފަދަ ބޯގޯސް އެތައް ކަމެއް ދަނީ ކުރަމުންނެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ފެށެނީ ނުފޫޒު ގަދަ ސިޔާސީ ނޫނީ ދީނީ ގްރޫޕެއްގެ ވެރިއަކު ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ.

އިންޑިއާގެ ޔޫނިއަން މިިސްޓަރ އަރްޖުން ރާމް މެގްވާލް ވަނީ ޕާޕަރު ކެއުމުން ކޮވިޑް-19 އިން ސަލާމަތްވާނެ ބުނެ އެކަމާއި މެދު ވީޑިއޯ އިންޓަރވިއުތައް ވެސް މީޑިއާ އާއި ހިއްސާކޮށްފައެވެ. އަދި އޭނާގެ ބަހަށް އެތައް ބަހަކު ޕާޕަރު ގަނެގެން ކައިފައިވެސް ވެސްއެވެ.

މިކަން މިހެން ހިނގާފައި ވަނިކޮށް ހޮނިހިރު ދުވަހު އަރްޖުން ކޮވިޑް-19 އަށް ފައްސިވިކަން ވަނީ ޔަގީންވެފައެވެ. އޭނާ އަށް ދިއްލީގެ އެއިމްސް ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު، އޭނާ ޕާޕަރާއި ކޮވިޑް-19 އާއި ގުޅިގެން ދެއްކި ވާހަކަތަކަށް އެތައް ބަޔަކު ދަނީ މަލާމާތް ކުރަމުންނެވެ.

އަދި މިއީ ސިޔާސީ ނުފޫޒު ގަދަ މީހުން ދައްކާ ވާހަކަ ލޯ މަރާލައިގެން ޤަބޫލުކުރުމުގެ ސަޤާފަތް އިންޑިއާގައި އަދިވެސް އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ފާޑުކިޔުންތެރިން ވަނީ ބުނެފައެވެ. އަރްޖުން އަކީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީއަށް ނިސްބަތްވާ މެމްބަރެކެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކޮވިޑް-19 އާއި ގުޅުވައިގެން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެތައް ފަހަރަކު އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބްރޯ

    ނޭވާ ހޮޅި ބެދޭވަރައް ޕާޕަރު ނުކޭމަ ވީގޮތް ކަންނޭންގެ ތީ.

    17
  2. އަހްމަދު

    ރަނގަޅަށް ޕާޕަރު ކެވިފައި ހުންނާނީ!

    10
  3. ހަސަނާ

    ރާމު، ރާކަނި މަސެު ކާބަލަ. ?