މިދިޔަ އަންގާރަ ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ގޮވި ބާރުގަދަ ގޮވުމެއްގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ހާސް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ބަނދަރު ސަރަހައްދެއްގައި ހިނގި މި ހާދިސާއާ އެކު ބެއިރޫތުގެ މަގުތައް ވަނީ ލެއިން ތަތްތެޅިފައެވެ.

އަދި މިހާދިސާއާ އެކު ހީނަރުވެފައިވާ ލުބްނާނުގެ އިގްތިސާދު އިތުރަށް ވަޅުޖެހި އެ ގައުމަށް ވަނީ ބޮޑު ހިތާއަކާ ކުރިމަތިލާން ޖެހިފައެވެ. އާދިއްތަ ދުވަހު ލުބުނާނުގެ ސިފައިން ބުނީ އެ ހާދިސާގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލާ ކަމަށެވެ.

ނަމަވެސް ވެއްޓިފައިވާ އިމާރާތްތަކުގައި ތާށިވެފައިވާ މީހުންގެ ތެރެއިން މިހާރު ދިރި ތިބި މީހުން ފެނުމުގެ އުންމީދު މަޑުމަޑުން ކުޑަވާ ކަމަށް ސިފައިން ބުނެއެވެ.

"ތިން ދުވަސްވީ މީހުން ހޯދުމުގެ މަސައްކަތް ކުރާތާ. ވަރަށް ބޮޑު ބައި މި ހޯދުނީ ދިރިތިބި މީހުން މިހާރު ހުންނާނީ ފެނިފައި ކަމަށް ޔަގީން ކުރެވޭ. ދެން ދިރި ތިބި މީހުން ފެނުމުގެ އުންމީދު ކުޑަ ހަގީގަތަށް ބުނާނަމަ. އެކަމަކު އެދެނީ ދިރިތިއްބާ ގެއްލުނު އެންމެންވެސް ފެނުން" ލުބުނާން ސިފައިންގެ ޖެނެރަލަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދަކަށް ހިމެނެއެވެ. މިހާތަނަށް އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 150 އަށް ވުރެ މައްޗަށް އަރާފައި ވާއިރު 6000 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

އަދި 21 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި އެ ހާދިސާގައި ގެއްލިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.