ކޮވިޑް-19 ކޮންޓްރޯލް ކުރަން އެމެރިކާ ސަރުކާރުން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާއްމުންގެ ގިނަ މީހުން ސަމާލުކަން ނުދޭ ކަމަށާއި އެހެންކަމުން އަދިވެސް އެމެރިކާގެ ހާލަތު ވަރަށް ބޮޑަށް ނުރައްކާ ވެދާނެ ކަމަށް އިންފެކްޝަސް ޑިސީސްގެ ތަޖުރިބާކާރު އެންތަނީ ފައުޗީ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އަށް އިއްޔެ ވެސް އެމެރިކާ އިން 47849 މީހަކު ވަނީ ފައްސިވެފައެވެ. އިއްޔެ އަކީ ޖުލައި މަހުގެ 05 ވަނަ ދުވަހަށް ފަހު އެމެރިކާ އިން އެންމެ މަދު މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިއްޔެ ކޮވިޑް-19 ޖެހިގެން އެމެރިކާ އިން މަރުވީ 534 މީހުންނެވެ.

އެމެރިކާ ރައްޔިތުން އުސޫލުތަކަށް ތަބާނުވާތީ ހާލަތު ގޯސްވެދާނެ ކަމުގެ އިންޒާރު އޮފިޝަލުން ދެމުން ދާއިރު ޖޯޖިއާގެ ހައުސް ސްކޫލެއްގެ ތެރޭގައި ވަރަށް ގިނަ ކުދިން ގާތްގާތުގައި ބޮނޑިވެގެން ތިބި މަންޒަރު ފެންނަ ފޮޓޯއެއް އިއްޔެ ވަނީ އާއްމު ވެފައެވެ. އެދަރިވަރުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޗިކާގޯގެ މޭޔަރު ލޮރީ ވެސް ވަނީ ޗިކާގޯގެ އަތިރިމައްޗަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ވާއިރު އިޖުތިމާޢީ ގައިދުރުކަމުގެ އުސޫލުތަކަށް ތަބާނުވާތީ ކަންބޮޑުވުން ފާޅުކޮށް މިއަދު ޓްވީޓެއް ކޮށްފައެވެ.

މިހާރު ވެސް މުޅި ދުނިޔެއަށް ބަލާއިރު އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 5.2 މިލިއަނަށް އަރައެވެ. އެމެރިކާ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުން ވަރަށް ބޮޑަށް މިހާރު އިތުރު ކޮށްފައިވާ ކަމަށާއި ބަލި ފެތުރުން ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް އެމެރިކާ ސަރުކާރުން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ބުނަމުންނެވެ. ނަމަވެސް އަދިވެސް އެމެރިކާގައި ބަލި ކޮންޓްރޯލް ވަމުން އަންނަ މަންޒަރެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު