އަވައްޓެރި އިންޑިއާގެ ކެރެލާ ސްޓޭޓުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 43 އަށް އަރައިފިއެވެ.

ކެރެލާގެ އިޑުއްކި ޑިސްޓްރިކްޓުގެ ސައިފަތް އުފައްދާ ބޮޑު ކާރުޚާނާއެއް ހިންގާ ސަރަޙައްދެއްގައި މި ހާދިސާ ހިނގާފައި ވަނީ، ބުރާސްފަތި ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އެ ސަރަޙައްދުގެ ގިނަ އަދަދެއްގެ ގެތައް ވަނީ ދިރިނޫޅެވޭ ވަރަށް ހަލާކުވެ ސުންނާފަތިވެފައެވެ.

ކުޑަކުދިންވެސް ހިމެނޭހެން މި ހާދިސާގައި މަރުވި މީހުންގެ އަދަދު 43 އަށް އަރާފައިވާއިރު، އިންޑިއާގެ އިދާރާތަކުން ބުނެފައިވަނީ އިތުރު ގިނަ އަދަދެއްގެ ބަޔަކު ވަޅުލެވިފައި ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ހާދިސާގައި އަނިޔާވި 11 މީހަކަށް މިހާރު ފަރުވާދެމުންދާ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފައެވެ.

މި ނުރައްކާތެރި ހާދިސާގައި 25 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މިކަމާއި ގުޅިގެން މީހުން ހޯދުމުގެ މަސައްކަތް އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެ ސަރަޙައްދަށް ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުން އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހެމުން ދިއުމާއި ގުޅިގެންނެވެ.

ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ސްޓޭޓުގެ ބައެއް ހިސާބުތަކަށް ވާރޭވެހޭތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. މިކަމާއި ގުޅިގެން އިތުރު ހާދިސާތައް ވެސް ހިނގާފާނެ ކަމަށްޓަކައި ރެސްކިއު ޓީމުތައް އެ ސްޓޭޓަށް ފޮނުވުމުގެ މަސައްކަތް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.