ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް، އަވައްޓެރި އިންޑިއާއިން އިތުރު ބައިލައްކައަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި އިތުރު 887 މީހަކު މަރުވެއްޖެ އެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 53,016 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.
އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެން އިންޑިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 2,152,020 އަށް އަރާފައެވެ.
އިއްޔެ އިންޑިއާއިން 875 މީހަކު ކޮވިޑް-19 ޖެހިގެން މަރުވުމާއެކު، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 45,353 އަށް އަރާފައެވެ.
އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 1,581,640 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑްކުރެވުނު 47,362 މީހަކުވެސް ހިމެނެއެވެ. އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 640,160 މީހަކަށެވެ. މީގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.
ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި މިހާރު އޮތީ އިނޑިއާ އެވެ. އަދި އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީވެސް އިންޑިއާއެވެ.
ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.
އަލްޙަމްދުލިﷲ !