ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމެއްގެ ގޮތުގައި އެމެރިކާ އޮންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައެވެ. މި ބަލިމަޑުކަން ދުނިޔޭގައި ފެތުރޭތާ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާއިރު، އެމެރިކާގައި ބަލި ފެތުރެމުން ދަނީ ކޮންޓްރޯލްވުމެއް ނެތި އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 5,239,306 އަށް އަރާފައެވެ. އެޤައުމުން ފައްސިވި މީހުންގެ އަދަދު ހަތަރު މިލިއަނުން ފަސް މިލިއަނަށް އަރާފައި ވަނީ 17 ދުވަސް ތެރޭގައެވެ. މި ބަލީގެ ވޭދަނަތައް މިހާރު ވަނީ އެޤައުމުގެ ހުރިހާ ސްޓޭޓަކުންހެން ފެނިފައެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑް-19 ގެ އެންމެ ގިނަ ވޭދަނަތައް ފެންމަތިވެފައި ވަނީ ކެލެފޯނިއާ ސްޓޭޓުންނެވެ. އެ ސްޓޭޓުން މިހާތަނަށް 569,480 މިލިއަން މީހުން ފައްސިވެފައި ވާއިރު، ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ފްލޮރިޑާ ސްޓޭޓުން 536,961 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި ތިންވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ޓެކްސަސް އިން މިހާތަނަށް މި ބަލީގެ 513,640 ވޭދަނަ ފެންމަތިވެފައި ވެއެވެ.

މި ސްޓޭޓްތަކުގެ އިތުރުން އެމެރިކާގެ ނިއުޔޯކާއި، ޖޯޖިއާ އާއި އިލިނޮއިސް އާއި ނިއުޖާޒީގެ އިތުރުން އެރިޒޯނާއަކީވެސް މިވަގުތު އެންމެ ނުރައްކާ ބޮޑު ސަރަޙައްދުތަކުގެ ތެގައި ހިމެނޭ ސްޓޭޓްތަކެވެ. އެޤައުމުން މަދުވެގެން މި ބަލީގެ އެއްލައްކަ ވޭދަނަ ފެންމަތިވެފައިވާ ޖުމްލަ 16 ސްޓޭޓް މިހާރު އެބައޮތެވެ.

އިދާރާތަކުން ނެރެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އެމެރިކާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު މިލިއަނަކަށް އަރަން ނެގީ، އެޤައުމުން ބަލި ފެނުނުފަހުން 99 ދުވަހެވެ. އަދި ދެ މިލިއަނަށް އޭގެ 43 ދުވަސް ފަހުން އެރިއިރު، ތިން މިލިއަނަށް އަރާފައި ވަނީ 28 ދުވަހުންނެވެ.

އެޤައުމަށް ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، ބަލީގައި މަރުވާ މީހުންގެ އަދަދުތަކަށް ވެސް ހިފެހެއްޓުމެއް ނާދެއެވެ. މިގޮތުން މިހާތަނަށް އެމެރިކާއިން ކޮވިޑް-19 ޖެހިގެން ޖުމްލަ 166,045 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެ، މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި އެމެރިކާއަކީ، ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. މިގޮތުން މިވަގުތު އެޤައުމުގައި 17,000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއިން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދިއުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ.

އެމެރިކާއިން މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ 2,682,385 މީހެކެވެ. އޭގެތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭ ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވުނު 17,684 މީހަކުވެސް ހިމެނެއެވެ. އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ ޖުމްލަ 2,390,876 މީހަކަށެވެ.

331 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އެޤައުމު ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. ދުނިޔެއިން މިހާތަނަށް މި ބައްޔަށް 20.2 މިލިއަން މީހަކު ފައްސިވެ، އޭގެތެރެއިން 737,146 މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު