ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 13 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 13 މިލިއަނަށް އަރާފައި މިވަނީ، މިދިޔަ 24 ގަޑިއިރު ތެރޭވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 144,804 މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 13,037,311 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 201,768 މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 20,230,801 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު 4,089 މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން 737,647 މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ 6,455,843 މީހަކަށެވެ. މީގެ ތެރެއިން 64,746 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގައި ހާލު ދެރަވެގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އަދި މި ބައްޔަށް ފަރުވާ ކުރެވޭނެ ކާމިޔާބު ބޭހެއް ނުވަތަ ވެކްސިނެއް އުފެއްދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު