މިދިޔަ ހަފްތާގެ ބުދަ ދުވަހު އަވައްޓެރި ސްރީލަންކާގައި ކުރިޔަށްދިޔަ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ބޮޑު ނާކާމިޔާބަށް ފަހު، ލަންކާގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރުކަމުން އެޤައުމުގެ ކުރީގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންގެ އިސްތިއުފާ ދެއްވައިފި އެވެ.

މިކަން ހާމަކޮށް ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ، އަކީލާ ވިރާޖް ކަރިޔާވަސަމް ބުނެފައި ވަނީ، ޕާޓީގެ ލީޑަރުކަމުން ދުރުވާން ނިންމެވިކަން ރަނިލް އަންގާފައި ވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ ކޮމިޓީ ބައްދަލުވުމުގައި ކަމަށެވެ.

ގިނަ އަހަރުތަކެއް ވަންދެން ޔޫއެންޕީގެ ލީޑަރުކަން ކުރައްވާފައިވާ ރަނިލް ވަނީ، މިދިޔަ ހަފްތާގެ އިންތިޚާބުގެ ބަލި ޤަބޫލުކުރައްވާ، ޕާޓީއަށް އާ ލީޑަރަކު އައްޔަން ކުރަން ޖެހިފައިވާ ކަމަށް އަމިއްލަފުޅަށް ވެސް ވިދާޅުވެފައެވެ.

ރަނިލް މަޤާމުން ދުރުވުމާއި ގުޅިގެން ޔޫއެންޕީގެ ލީޑަރަކު ހޮވުމަށް މިހާރު ހަތަރު މެމްބަރެއްގެ ނަން ވަނީ ނޮމިނޭޓް ކޮށްފައެވެ. އޭގެތެރޭގައި ޖެނެރަލް ސެކްރެޓަރީ، އަކީލާ އާއި ޕާޓީގެ އިސް އިތުރު ތިން ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންގެ ތެރެއިން ޔޫއެންޕީގެ ލީޑަރަކު ހޮވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހު ބާއްވާ ކޮމިޓީ ބައްދަލުވުމެއްގައެވެ.

ރަނިލް އަށް ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބުން ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހުނުއިރު، މިއީ ފާއިތުވެދިޔަ 42 އަހަރުގެ ތެރޭގައި އޭނާއަށް މަޖިލީސް ގޮނޑި ގެއްލުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ލަންކާގައި ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ރަނިލްގެ ޔޫއެންޕީއަށް މިފަހަރުގެ އިންތިޚާބުގައި، ކޮލަމްބޯގެ އެންމެ ގޮނޑިއެއްވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރަނިލް އާއި ޔޫއެންޕީގެ މައްޗަށް މިފަހަރުގެ އިންތިޚާބުގައި ތަފާތު ބޮޑު ކާމިޔާބެއް ހޯދާފައި ވަނީ ވެރިކަންކުރާ ސްރީލަންކާ ޕީޕަލްސް ޕާޓީ (އެސްއެލްޕީޕީ) އިންނެވެ. އެ ޕާޓީ ހިންގަވަނީ އެޤައުމުގެ ކުރީގެ ރައީސް އަދި މިފަހުން އަލަށް އިންތިޚާބުވެވަޑައިގަތް އެޤައުމުގެ ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަ އާއި ލަންކާގެ މިހާރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެވެ.

މި ދެބޭފުޅުންގެ އެސްއެލްޕީޕީން ވަނީ މިދިޔަ ހަފްތާގައި ބޭއްވުނު ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން، މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ގޮނޑި ކާމިޔާބުކޮށް 150 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ. މި އިންތިޚާބުން އެހެން ހުރިހާ ޕާޓީތަކަށް ކާމިޔާބު ކުރެވިފައި ވަނީ ޖުމްލަ 75 ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަހަންމާ

    މިޤައުމުން ވެސް ވަރަށް އަވަހަށް. ފެންނާނެ މަންޒަރެއް ތީ ﷲ އިރާދަފުޅުން. ރޔއގ އެބުރި އައުން

    12
    1
  2. ބުއްޅަބޭ

    މިރާއްޖޭގައި ނަމަ ދުލެއްނުކުރާނެ. މިހާރުވެސް 90 އަހަރުވީމަވެސް ދޫނުކޮށް އެބައުޅޭ!

    10