ލުބުނާންގެ ވެރިރަށް ބެއިރޫތުގައި މިދިޔަ ހަފްތާގައި ގޮވި ބާރުގަދަ ގޮވުމުގެ ސަބަބުން އުފެދުނު ބިޔަ އަލިފާންގަނޑާއި، އެބާރުގަދަ ގޮވުން ބޮޑުވަމުން އައި މަންޒަރު ފެންނަ ވީޑިއޯއެއް "ނިއުސްވަޔާ" އިން އާއްމު ކޮށްފިއެވެ.

މީގެ ކުރިން އާއްމުވެފައި ނުވާ މިވީޑިއޯ ނަގާފައި ވަނީ ބެއިރޫތުގެ ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރާ ހަންގޭރީގެ ރައްޔިތެއް ކަމަށްވާ އެގޮސްޓަން ނެމެތުއެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ފުރަތަމަ އަލިފާން ރޯވެ ހާދިސާ ހިނގި އިމާރާތް އަނދަމުން ދެއެވެ. ނަމަވެސް ގިނައިރުތަކެއް ނުވެ ވަރަށް ބޮޑު އަލިފާންގަނޑެއް އުފެދި ކުއްލިއަކަށް "މަޝްރޫމް ވިލާގަނޑެއް" ސިފައަށް ބޮޑު ސަރަހައްދަކަށް ދުންގަނޑު ފެތުރިގެން ދިޔައެވެ.

މީވީޑިއޯ ނަގާފައި ނަވީ ނެމެތު ދިރިއުޅެމުން އައި 13 ބުރީގެ އެޕާޓްމަންޓްގެ ޓެރަސް އިންނެވެ. ހާދިސާ ހިނގި ސަރަހައްދާއި އެއިމާރާތާއި ދެމެދު ހުރީ ގާތްގަނޑަކަށް 850 މީޓަރުގެ ދުރުމިނެކެވެ.

"އަހަރެންނަށް ފުރަތަމަ އިބުނީ ހަވާއަރުވާއިރު ކިޔާ ކަހަލަ އަޑުތަކެއް. އެއީ އާއްމުކޮށް ލުބުނާނުން އިވޭ ޒާތުގެ އަޑެއް. ނަމަވެސް އެވަގުތުގެ ގޮތުން އަހަރެން ބޭނުންވީ ބޭރަށް ނިކުމެ ވެގެން އުޅޭ ގޮތެއް ބަލާލަން. ބަލާކަން ނިކުތް އިރު އަލިފާން ހުރީ ރޯވެފައި. ފޯނުން އެމަންޒަރު ވީޑިއޯ ކުރީ އަލިފާން ނިއްވާ މީހުން އައިސް އަލިފާން ނިއްވާލާ މަންޒަރު ރެކޯޑް ކުރުމުގެ މަޤުޞަދުގައި." ނެމެތު ކިޔައި ދިނެވެ.

ނެމެތު ވެސް ބުނީ އަލިފާން ރޯވެ، ކައިރީގައި ހުރި އިމާރާތްތަކުންނާއި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވެސް ގެއްލުންތައް ލިބިގެން ދިޔަ ކަމަށެވެ. "ހަމައެކަނި އަހަރެންގެ އެޕާޓްމަންޓް ވެސް ވަނީ ގާތްގަނޑަކަށް ސުންނާފަތިވެފައި. ހުރިހާ ދޮރެއް ހަލާކުވެ، ހިފައި ގެންގުޅޭ ހުރިހާ އެއްޗެއް ވަނީ ވިއްސައިގެން ގޮސްފައި." ނެމެތު ބުންޏެވެ.

ލުބުނާންގައި ގޮވި ބާރުގަދަ ގޮވުމުގެ ތަޙްޤީޤު ދަނީ ކުރިއަށެވެ. މިގޮވުން ގޮވަން މެދުވެރިވި ސީދާ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވެއެވެ.