މިއަހަރުގެ ފަހުކޮޅު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އާއި ދެކޮޅަށް ވާދަކުރައްވާ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންގެ ރަނިންމޭޓެއްގެ ގޮތުގައި އެމެރިކާ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކަމަލާ ހެރިސް ހަމަޖައްސައިފި އެވެ.

ބައިޑެން މިކަން ހާމަކުރައްވާފައި ވަނީ މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ރަނިންމޭޓުގެ ނަން އިއުލާނު ކުރައްވަމުން ބައިޑެން ވިދާޅުވީ، ކަމަލާ އަކީ ޖެހިލުމެއް ނެތި މަސައްކަތް ކުރައްވާ ކުޅަދާނަ ސިޔާސީ ލީޑަރެއް ކަމަށެވެ. އަދި އޭނާއަކީ މަޤާމަށް އެންމެ އެކަށީގެންވާ ފަދަ ޚިދުމަތްތެރިއެއް ކަމަށް ވެސް ބައިޑެން ވިދާޅުވިއެވެ.

"މީގެ ކުރިން އެޓާނީ ޖެނެރަލެއްގެ ގޮތުގައި ކަމަލާ ކުރެއްވި ގިނަ މަސައްކަތްތައް އަޅުގަނޑަށް ވަނީ ގާތުން ފެނިފައި. އޭނާ ވަނީ މަޤާމުގައި ހުންނަވައިގެން ރައްޔިތުންނަށް ކުރިއެރުންތައް ހޯއްދަވައިދީ، ކުޑަކުދިންނާއި އަންހެނުންގެ ހައްޤުގައި އަގު ނުކުރެވޭ ފަދަ މަސައްކަތްތަކެއް ކޮށްދެއްވާފައި. އޭރުވެސް އަދި މިހާރުވެސް އަޅުގަނޑު ކަމަލާ އާއި މެދު ފަޚުރުވެރިވަން،" ބައިޑެން ވިދާޅުވިއެވެ.

އުމުރުފުޅުން 55 އަހަރުގެ ކަމަލާ އަކީ މިހާތަނަށް އެމެރިކާ ރިޔާސީ ކެންޑިޑޭޓެއްގެ ރަނިންމޭޓަކަށް ހަމަޖެހުނު ފުރަތަމަ ކަޅުނަސްލުގެ އަންހެން ކެންޑިޓޭޓެވެ. އޭނާ ބައިޑެންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސާފައި މިވަނީ، ޓްރަމްޕް މަޤާމުން ދުރުކޮށް އެމެރިކާގެ ވެރިކަން ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގައި ކަމަލާ އިސް ދައުރެއް އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަމަލާއަކީ ނަސްލީ ތަފާތުކުރުންތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ކަޅުނަސްލުގެ ތަފާތުކުރުންތަކާއެކު އެމެރިކާގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެނެސްދެއްވާނީ ކަމަލާ ކަމަށް ބުނެ ބައިޑެންގެ ގިނަ ސަޕޯޓަރުން ކުރިންވެސް ދިޔައީ ރަނިންމޭޓަކަށް ކަމަލާ ހަމަޖެއްސުމަށް ބާރުއަޅަމުންނެވެ.

އެމެރިކާގެ ކުރީގެ ނަިއބު ރައީސްކަން ވެސް ކުރެއްވި، އުމުރުފުޅުން 77 އަހަރުގެ ބައިޑެން އަށް އެޤައުމުން ބޮޑު ތަރުޚީބެއް ލިބެމުން އަންނައިރު، މިފަހަރުގެ އިންތިޚާބުން މިހާރުގެ ރައީސް، ޓްރަމްޕްގެ މައްޗަށް އޭނާ ބޮޑު ކާމިޔާބީއެއް ހޯއްދަވާނެ ކަމަށް ވަނީ ބެލެވިފައެވެ. އެޤައުމުގެ ރިޔާސީ އިންތިޚާބު އޮންނާނީ މިއަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙނ

    ހޮވޭނީ ޓްރަމްޕް ކަމަށް ފެނޭ

    4
    14