ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް، އަވައްޓެރި އިންޑިއާއިން އިތުރު 60,000 އަށްވުރެ ގިނަ މީހުން ފައްސިވެ، މި ބަލީގައި އިތުރު 835 މީހަކު މަރުވެއްޖެ އެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 61,252 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއީ މިހާތަނަށް އެޤައުމުން އެއް ދުވަހެއްގައި ފަސްވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވި ފަހަރެވެ.

އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމާއި ގުޅިގެން އިންޑިއާއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 2,328,405 އަށް އަރާފައެވެ.

އިއްޔެ އިންޑިއާއިން 835 މީހަކު ކޮވިޑް-19 ޖެހިގެން މަރުވުމާއެކު، އެޤައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 46,188 އަށް އަރާފައެވެ.

އިންޑިއާއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 1,638,101 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރޭގައި މިދިޔަ 24 ގަޑިއިރު ތެރޭގައި ރަނގަޅުވި ކަމަށް ރެކޯޑްކުރެވުނު 56,461 މީހަކުވެސް ހިމެނެއެވެ.

އެހެންކަމުން އެޤައުމުގައި މިހާރު ފަރުވާދެމުން ދަނީ 644,116 މީހަކަށެވެ. މީގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ.

ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހި، މި ބަލީގައި ދުނިޔެއިން ފަސްވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި މިހާރު އޮތީ އިނޑިއާ އެވެ. އަދި އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމަކީވެސް އިންޑިއާއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު