އިމާރާތެއްގެ އެތެރޭގައި ކޮވިޑް-19 ހަފޫޓް ދުރަށް ވެސް ވާސިލް ވެދާނެ ކަމަށް އެމެރިކާ ބައެއް ސައިންސްވެރިން ލަފާކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ގޮތުން އަދި ލިބެން ހުރި މައުލޫމާތައް ބަލާއިރު ސައިންސްވެރިން ބުނާ ގޮތުގައި އަދިވެސް ވައިރަސް އާއި ގުޅޭ ގޮތުން ނޭންގޭ ވަރަށް ގިނަ މައުލޫމާތުތައް އެބަހުއްޓެވެ. ޔުނިވަސިޓީ އޮފް ފްލޮރިޑާ އިން ކުރި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގައި ބުނީ އިމާރާތްތަކުގެ ތެރޭގައި ކޮވިޑް-19 ވައިރަސް ހަފޫޓް ދުރަށް ވެސް ދަތުރު ކޮށްފާނެ ކަމަށެވެ.

"ކޮވިޑް-19 އަކީ ވައިގެ ތެރޭގައި ދަތުރު ކުރާ ވައިރަސްއެއް ކަމަށް އަދިވެސް ދަންނަވަން ދަތި. ނަމަވެސް ހަފޫޓް ދުރަށް ވައިރަސް ވައިގެ ތެރޭގައި ދަތުރު ކޮށްފާނެ ކަމަށް މިހާރު ބެލެވޭ." ދިރާސާގައި ބައިވެރިވި ސައިންސްވެރިޔާ ޖޯން ލެޑްނިކީ ވިދާޅުވިއެވެ.

ދިރާސާގައި ބައިވެރިވި ލިންސޭ މާ ވިދާޅުވީ ވައިރަސް ވައިގެ ތެރެއިން "ދަތުރު ކުރަނީ" ވަރަށް ކުދިކުދި އެއްޗެހިތަކެއްގައި ކަމަށާއި އެއާކޯން ކޮށްފައި ހުންނަ ތަނެއްގައި އެތައް ގަޑިއިރެއް ވަންދެން ވައިރަސްގެ އެތިކޮޅުތައް ހުންނަ ކަމަށެވެ.

އެމެރިކާގެ ސްކޫލްތައް އަލުން ހުޅުވާލުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު ސައިންސްވެރިން ގެންދަނީ އިމާރާތްތަކުގެ އެތެރޭގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވިދާނެ ގޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާތައްކޮށް، ދިރާސާތައް ކުރަމުންނެވެ.

ކޮވިޑް-19 ފިނި ތަންތަނުގައި އަދި ވައި ބޭރުނުވާ ތަންތަނުގައި ގިނަ އިރުތަކެއް ވަންދެން ހުންނަ ކަމަށް މީގެ ކުރިން ވެސް ސައިންސްވެރިން ވަނީ ބުނެފައެވެ. އެމެރިކާގެ ސީޑީސީން ވެސް ލަފާ ދީފައި ވަނީ އެއާކޯން ކޮށްފައި ހުންނަ ތަންތަނުގައި ދޮރުތައް ވެސް މިދުވަސްކޮޅު ދޭތެރެ ދޭތެރެއިން ހުޅުވާލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    އެހެންވީމާ އެއްސަހަރާއެއްގަ ވަޅުލާ އެންމެނަށް ކޮވިޑް ޖެހޭނެތާ

    3
    4