ކޮވިޑް-19 އާއި ބެހޭ ދޮގު މައުލޫމާތު ގެނެސްދީ، އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް އާންމު ކޮށްފައިވާ ހަތް މިލިއަން ޕޯސްޓެއް ފޭސްބުކުން ރިމޫވް ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މީގެ އިތުރުންވެސް އެ ކުންފުނިން ވަނީ މީހުންގެ ހިތުގައި ސުވާލު އުފެދޭ ކަހަލަ 98 މިލިއަން އިތުރު ޕޯސްޓުތަކަށް އިންޒާރު ދީފައެވެ.

"އަހަރުމެންގެ ޓެކްނޮލޮޖީ ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނައިރު، އެފަދަ ޕޯސްޓުތައްވެސް އަންނާނީ ރިމޫވް ކުރެވެމުން." ފޭސްބުކުން ބުނެފައި ވެއެވެ.

ފޭސްބުކުން މިފަދަ ޕޯސްޓު ތަކެއް ރިމޫވް ކޮށްފައިވާއިރު، ޓްވިޓާއާއި ޔޫޓިއުބް އިން އަންނަނީ އެފަދަ ޕޯސްޓުތައް އެޑްވަޓައިޒް ކުރާ ފަރާތްތަކުން އެފަދަ އަމަލެއް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި އެގޮތަށް ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޖަހާފައިވާ ޕޯސްޓުތައް ޑިލީޓުވެސް ވަނީ ކޮށްފައެވެ.

ކޮވިޑް-19 އާއި ބެހޭ ގޮތުން ގިނަ ބަޔަކު މީސްމީޑިއާގައި ދޮގު މައުލޫމާތު ފަތުރަމުން އަންނާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިވްއެޗްއީ) އިންވެސް ވަނީ އެފަދަ އަމަލުތައް ނުކުރުމަށް ގޮވާލާފައެވެ.

ދުނިޔެއިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 20 މިލިއަނަށްވުރެ ގިނަ މީހުން ރިޕޯޓް ކޮށްފައިވާއިރު، 746،652 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 13,465,642 މިލިއަނަށްވުރެ ގިނަ މީހުން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ 6,341,034 މީހަކަށެވެ. އޭގެ ތެރެއިން 64,571 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށް މައުލޫމަތު ލިބެއެވެ.