ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމަކަށް އިންޑިއާ ވެއްޖެއެވެ.

ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމަކަށް އިންޑިއާ ވެފައި މިވަނީ، އިއްޔެވެސް އިތުރު އެތައް ސަތޭކަ ބަޔަކު އެޤައުމުން މި ބަލީގައި މަރުވުމާއި ގުޅިގެންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާއިން 950 މީހަކު މަރުވެފައި ވެއެވެ. މިއާއެކު އެޤައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 47,138 އަށް އަރާފައެވެ.

ކޮވިޑް-19 ގެ ނުރައްކާ އިންޑިއާއަށް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު އެޤައުމުން އަލަށް ބަލި ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. މިހާތަނަށް އިންޑިއާއިން ޖުމްލަ 2,395,471 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އެޤައުމަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވީ ޤައުމު ވެސް މެއެވެ.

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެމެރިކާއަށްފަހު އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީ ވެސް އިންޑިއާގައެވެ. އިދާރާތަކުން ބުނާގޮތުން އިންޑިއާގައި ކޮވިޑަށް ފަރުވާދޭ މީހުންގެ ތެރެއިން 8,944 މީހެއްގެ ހާލު ސީރިއަސް އެވެ. އެހެންކަމުން އެޤައުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މަރުވާ މީހުންގެ އިތުރުވެގެން ދިއުމުގެ ބިރު އެބައޮތެވެ.

މީގެ ކުރިން ހަތަރުވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވި ޤައުމެއްގެ ގޮތުގައި އޮތީ އިނގިރޭސިވިލާތެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 46,706 އެވެ. ކުރިޔާއި އަޅާބަލާއިރު އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ފަހަކަށް އައިސް ވަނީ މަދުވެފައެވެ.

ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 ޖެހިގެން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް މި ބަލީގައި 168,955 މީހަކު މަރުވެފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި ބްރެޒިލް އޮތްއިރު އެޤައުމުން މިހާތަނަށް 104,201 މީހަކު މަރުވެފައި ވެއެވެ. ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 ގެ ބަލީގައި މަރުވި މެކްސިކޯއިން މިހާތަނަށް ބަލި ޖެހުނު 53,929 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު