ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފައްސިވީ މީހުންގެ އަދަދު 21 މިލިއަނަށް އަރައިފިއެވެ.

ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ އަދަދު 20 މިލިއަނުން 21 މިލިއަނަށް އަރާފައި މިވަނީ ތިންވަރަކަށް ދުވަސް ތެރޭގައެވެ.

ދުނިޔެއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، އިއްޔެވެސް އިތުރު ދެލައްކައަށްވުރެ މީހުންނަށް އަލަށް މި ބަލި ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން ޖުމްލަ 21,028,635 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ.

މިދިޔަ މޭއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ. މިގޮތުން ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައި މިވަނީ، މި ބަލިމަޑުކަމާއި ގުޅިގެން ގިނަ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތެއްގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ. މީގެ ތެރެއިން އެމެރިކާއިން މިހާތަނަށް ޖުމްލަ 5.4 މިލިއަން މީހަކަށް ބަލި ޖެހި 169,000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ހަމައެހެންމެ އަވައްޓެރި އިންޑިއާއަކީ މިހާރު ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމެވެ. އެޤައުމުން މިހާތަނަށް 2.4 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 48,144 އަށް އަރާފައެވެ. އިންޑިއާއަކީ ދެކުނު އޭޝިއާ ސަރަޙައްދުން މި ބަލީގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވާ ޤައުމެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 751,698 މީހަކު ވަނީ މަރުވެފައެވެ. މީގެތެރޭގައި މިދިޔަ 24 ގަޑިއިރުތެރޭ މަރުވި 5,292 މީހަކު ހިމެނެއެވެ.

މިދިޔަ 24 ގަޑީއިރު ތެރޭގައި އިތުރު 123,795 މީހަކު ހިމެނޭހެން މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 13,821,747 މީހުންނެވެ. މިއަދާއި ހަމައަށް މި ބަލީގައި 6,455,190 މީހުންނަށް ފަރުވާދެމުން ދެއެވެ. އޭގެތެރެއިން 64,582 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި މި ބަލި ދުނިޔޭގެ އެކި ޤައުމުތަކުގައި ފެތުރެން ފެށިއިރު މިހާތަނަށް 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ބަލި ވަނީ ފެނިފައެވެ. އޭގެތެރެއިން ބަލީގެ ވޭދަނައެއް މިހާރު ނެތީ 12 ސަރަޙައްދެއްގައެވެ.

ފަހުގެ ތާރީޚެއްގައިވެސް ދުނިޔެއަށް ކުރިމަތިވެފައިނުވާ މި ބަލިމަޑުކަމަށް އަދި ފަރުވާއެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ސައިންސްވެރިން ޤަބޫލުކުރާ ގޮތުން މި ބަލިމަޑުކަން ކޮންޓްރޯލް ކުރެވޭނީ ވެކްސިނެއް އުފެއްދި ބޭނުން ކުރަން ފެށުމުން، އަންނަ އަހަރުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު