މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ކެރެލާގެ ކޮޒިކޯޑްގައި ހިނގާ ދިޔަ ނުރައްކާތެރި ފްލައިޓް އެކްސިޑެންޓް ހާދިސާއާ ގުޅިގެން، މީހުން ސަލާމަތް ކުރުމުގައި އުޅުނު 22 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ފުލުހުންވެސް ހިމެނޭ ކަމަށް މަލައްޕުރަމް މެޑިކަލް އޮފިސަރު ވަނީ ބުނެފައެވެ.

184 ފަސެންޖަރުންނާއެކު ދުބާއި ފުރައިގެން ދިޔަ އެ ފްލައިޓް އެކްސިޑެންޓްވި ހާދިސާގައި 18 މީހަކު ވަނީ މަރުވެފައެވެ. މަރުވި މީހުންވެސް ކޮވިޑް-19 އަށް ޓެސްޓު ކުރިއެވެ. އޭގެ ތެރެއިން ފައްސިވެފައި ވަނީ އެކަކެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެުން އަންނަ އިންޑިއާގައި ބަލީގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި ހިނގި މި އެކްސިޑެންޓާއި ގުޅިގެން އެ އޮޕަރޭޝަންގައި ބައިވެރިވި އެންމެން ކޮވިޑް-19 އަށް ޓެސްޓު ކުރާނެ ކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

"އެ މީހުން ތިބީ ކަރަންޓީންކޮށްފައި، ބޯޓު އެކްސިޑެންޓްގެ ހާދިސާގެ ރެސްކިއު އޮޕަރޭޝަނަށް ފަހު. އަދި ގިނަ މީހުން ތިބީ ލޮކޭޝަންގައި" ޑިސްޓްރިކްޓުގެ މެޑިކަލް އޮފިސަރު ބުނެފައި ވެއެވެ.

މިހާރު އެ ޑިސްޓްރިކްޓް މެޑިކަލް އޮފިސަރުންގެ ޓީމަކުން ދަނީ ރިސްކް އެސެސްމެންޓް ހަދަމުންނެވެ. އެހެންކަމުން މިކަމާއި ގުޅޭ އިތުރު މައުލޫމާތުތައް އެ މީހުން ހާމަ ކުރާނެއެވެ.

އެކްސިޑެންޓްވި އެއާ އިންޑިއާ އެކްސްޕްރެސް ފްލައިޓަކީ، ދުބާއީގައި ތިބި އިންޑިއާ މީހުން އަނބުރާ ޤައުމަށް ގެނައުމަށް ބޭއްވި ފްލައިޓެއް ކަމަށެވެ.

ފްލައިޓް އެކްސިޑެންޓް ވެފައި ވަނީ ވިއްސާރައިގައި ބޯ ވާރޭވެހެމުން ދަނިކޮށް ރަންވޭގައި ފްލައިޓު ޖެއްސި ވަގުތު ކޮންޓްރޯލް ނުވެ ކަހާލައިގެން ދިއުމުންނެވެ. މިހާދިސާގައި ފްލައިޓް ގޮސް ފާރެއްގައި ޖެހި، ދެބަޔަކަށް ވަނީ ބުރިވެފައެވެ.