އިންޑިއާ އިން މިއަދު އިތުރު 65531 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ. އަދި އިތުރު 990 މީހަކު ކޮވިޑް-19 ޖެހިގެން މިއަދު އިންޑިއާ އިން ވަނީ މަރުވެފައެވެ.

މިއަދަކީ މިހާތަނަށް އިންޑިއާ އިން ދެވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ. އިންޑިއާ އިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ ބުދަ ދުވަހު ދުވަހުއެވެ. އެދުވަހު 67000 އަށް ވުރެ ގިނަ މީހުން ފައްސިވިއެވެ.

މިއަދު އިންޑިއާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު އިއްޔެ މަރުވި މީހުންނަށްވުރެ މަދެވެ. އިއްޔެ އިންޑިއާ އިން ވަނީ 1006 މީހަކު ކޮވިޑް-19 ޖެހިގެން މަރުވެފައެވެ.

އިންޑިއާ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2.5 މިލިއަނަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 49100 އަށް ވުރެ އިތުރު ވެފައެވެ.

އިންޑިއާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ވަމުން ދާއިރު ސިއްހީ އެހީތެރިންނަށް ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. ނަމަވެސް އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު ވެސް ބުނީ ހޮސްޕިޓަލްތަކަށް ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާ ކަމަށާއި ޖުލައި މަހު އެކަނިވެސް 23 ލައްކަ ޕީޕީއީ އިންޑިއާ އަށް އެތެރެކޮށް، ހޮސްޕިޓަލްތަކަށް ދީފައިވާ ކަމަށެވެ.

އެންމެ ހާލަތު ގޯސްވެފައިވާ އިންޑިއާގެ އެއް ސިޓީ ކަމަށްވާ ނިއުދިއްލީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިއަދު ވަނީ 1.5 ލައްކަ އަށް ވުރެ އިތުރު ވެފައެވެ.