ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން 14 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮވިޑް-19 އިން ރަނގަޅުވީ މީހުންގެ އަދަދު 14 މިލިއަނަށް އަރާފައި މިވަނީ، މިދިޔަ 24 ގަޑިއިރު ތެރޭވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވުމުންނެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ ދުނިޔޭގެ އެކި ކަންކޮޅުތަކުން 214,882 މީހުން ބަލިން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއާއެކު މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 14,035,731 ގައެވެ.

ކޮވިޑް-19 އިން ގިނަ އަދަދެއްގެ ބަޔަކު ރަނގަޅުވީ ނަމަވެސް، މި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ޤައުމުތަކުގައި ފަހަކަށް އައިސް، ކުރިން ނުފެތުރޭހައި ހަލުވިކަމާއެކު މި ބަލި ފެތުރެމުން އަންނައިރު، އިއްޔެ އެކަނިވެސް 284,357 މީހުން އަލަށް ކޮވިޑަށް ފައްސިވެފައި ވެއެވެ.

މިއާއެކު ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 21,228,432 އަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ ވެސް އިތުރު 6,649 މީހުން ހިމެނޭހެން މިހާތަނަށް ދުނިޔެއިން 760,221 މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ 6,432,480 މީހަކަށެވެ. މީގެ ތެރެއިން 64,540 މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ކޮވިޑް-19 ގައި ހާލު ދެރަވެގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިއާއެކު މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވެއެވެ. މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުވެ، ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު އަދި މި ބައްޔަށް ފަރުވާ ކުރެވޭނެ ކާމިޔާބު ބޭހެއް ނުވަތަ ވެކްސިނެއް ބޭނުންކުރެވެން ފެށިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު