ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ރަޝިޔާއިން އުފެއްދި ވެކްސިން ގަނެ، ބޭނުންކުރަން ވިއެޓްނާމުން ތައްޔާރުވާން ފަށައިފިއެވެ.

މިކަން ހާމަކޮށް ވިއެޓްނާމުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، ރަޝިޔާގެ ވެކްސިން ގަތުމަށްޓަކައި މިހާރު އެޤައުމުގައި ވެކްސިން ރެޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މި ވެކްސިން ވިއެޓްނާމުގައި ބޭނުންކުރަން ނިންމި ނަމަވެސް، އެޤައުމުގައި ވެސް ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރެވެމުން ދެއެވެ.

އެޤައުމުގެ ހެލްތު މިނިސްޓްރީން ބުނެފައި ވަނީ، ރަޝިޔާގެ ވެކްސިން އެޤައުމަށް ގެންގޮސް ބޭނުން ކުރަން ފެށިނަމަވެސް، އެޤައުމުން އުފައްދާ ވެކްސިންގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށްގެންދާނެ ކަމަށެވެ. މި ވެކްސިން ތައްޔާރު ކުރެވޭނެ ކަމަށް ބެލެވިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅަށެވެ.

ވިއެޓްނާމަކީ ދެކުނު އޭޝިއާ ސަރަޙައްދުން ކޮވިޑް-19 ގެ އެންމެ މަދު ވޭދަނަތައް (ކޭސްތައް) ފެންމަތިވަމުން އަންނަ އެއް ޤައުމެކެވެ. އެޤައުމުން މި ވައިރަސް އާއި ގުޅިގެން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން ބަލި ފެތުރޭ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް މިދިޔަ ޖުލައި ފަހުކޮޅުން ފެށިގެން ބަލީގެ ވޭދަނަތައް އިތުރުވާން ފަށާފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ.

97 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ޖުމްލަ 929 މީހެކެވެ. އެޤައުމުން މި ބަލީގައި މިހާތަނަށް 21 މީހަކު މަރުވެފައި ވާއިރު، 471 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެޤައުމުން ކޮވިޑް-19 އަށް ފަރުވާ ކުރަމުން ދަނީ 437 މީހަކަށެވެ.

ވިއެޓްނާމުން ރަޝިޔާގެ ވެކްސިން ގަންނަން ތައްޔާރުވާއިރު، ކުރިޔަށް އޮތް ދެ ހަފްތާއެއްހައި ދުވަސްތެރޭ ރަޝިޔާގައި މި ވެކްސިންގެ ފުރަތަމަ ބެޗް ދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މި ވެކްސިނަކީ، ވެކްސިނެއް އުފެއްދުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަ ނުވެވާ ވެކްސިނެއް ކަމަށް ބުނެ ބައެއް ސިއްޙީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ދުވަހެއް ދުވަހަކަށް ކުރިމަތިވެ ބަލި ފެތުރޭ މިންވަރަށް ހިފެހެއްޓުމެއް ނުގެނެވި ވަނިކޮށް ރަޝިޔާއިން ވެކްސިނެއް ރެޖިސްޓްރީ ކުރުމާއެކު ގިނަ ޤައުމުތަކުން އަންނަނީ އެ ވެކްސިން އާއި މެދު ޝަޢުޤުވެރިކަން ފާޅުކުރަމުންނެވެ.