ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ދެވަނަ ރާޅެއްގެ ނުރައްކާ، ކުރިން ކުރިމަތިވެފައި ނުވާ މިންވަރަށް ޤައުމުތަކަށް ކުރިމަތިވެ، ދުނިޔެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 760,000 އަށްވުރެ އިތުރު ވެއްޖެ އެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ބޮޑުވެގެން ގޮސްފައި މިވަނީ، މި ބައްޔާއި ގުޅިގެން، ބަލީގެ ކުރީކޮޅު ޤައުމުތަކުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތަކަށް ދިއުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް ބަލީގެ ވޭދަނަ (ކޭސް) ތައް އަނެއްކާ ވެސް ހިފެއްޓުމެއް ނެތި އިތުރުވުމާއި ގުޅިގެން ބައެއް ޤައުމުތަކުން މިހާރު ވަނީ އަލުން ފުރަބަންދުގެ އުސޫލުތަކަށް އަމަލު ކުރަން ފަށާފައެވެ.

ދުނިޔެއިން މިވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައި ވަނީ ލެޓިން އެމެރިކާ އާއި ކެރީބިއަން ސަރަޙައްދުގެ ޤައުމުތަކަށެވެ. މި ސަރަޙައްދުތަކުން މިހާތަނަށް ދުނިޔެއިން ފައްސިވީ މީހުންގެ ތިންބައިކުޅަ ދެބައި ޙިއްސާ ކުރެއެވެ. އޭގެތެރެއިން ވެސް އެންމެ ހާލަތު ގޯސް ޤައުމުތަކުގެ ތެރޭގައި މެކްސިކޯ އާއި ބްރެޒިލް ހިމެނެއެވެ.

މީގެ އިތުރުން ދާދިފަހުން ކޮވިޑް-19 ގެ ވޭދަނައެއް ނުފެންނަތާ ސަތޭކަ ދުވަސް ފާހަގަކޮށްފައިވާ ޒިއުޒިލޭންޑުން ވެސް ބަލީގެ ގިނަ ވޭދަނަތަކެއް ކުއްލި ގޮތަކަށް ފެނުމާއި ގުޅިގެން، އެޤައުމަށް ވަނީ ނުރައްކާ ބޮޑުވެފައެވެ. ނިއުޒިލޭންޑުން މުޖުތަމަޢުގެ ތެރޭގައި ބަލި ނުފެތުރޭކަމަށް ޤަބޫލުކުރެވިފައި ވަނިކޮށް، އިތުރު ގިނަ ބަޔަކު ފައްސިވެފައި ވަނީ އެޤައުމުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލޭންޑުންނެވެ.

ނިއުޒިލޭންޑުގެ އިތުރުން އިޓަލީއަށްވެސް ނުރައްކާ ކުޑަވެފައި އޮތުމަށްފަހު ބަލީގެ ވޭދަނަތައް ފެންނަ މިންވަރު ވަނީ އިތުރުވާން ފަށާފައެވެ. މީގެ ކުރިން ދުނިޔެއިން ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދިޔަ ޤައުމުތަކުގެ ތެރޭގައި ހިމެނުނު އިޓަލީގައި މީގެ ތިން ވަރަކަށް މަސް ކުރިން ބަލި ކޮންމެވެސް ވަރަކަށް އޮތީ ކޮންޓްރޯލް ކުރެވިފައެވެ.

އިޓަލީ އަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ޔޫރަޕް ސަރަޙައްދުން އެންމެ ބޮޑަށް އަސަރު ކުރަމުންދާ އެއް ޤައުމެވެ. އަދި ބަލި ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވަމުން އަންނާތީ އެޤައުމުގައި މިހާރު ވަނީ ބައެއް ޤައުމުތަކުން މީހުން އެޤައުމަށް އެތެރެވުން މަނާވެސް ކޮށްފައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މި ބައްޔަށް އަދި ވެކްސިނެއް ބޭނުންކުރަން ފެށިފައެއް ނުވެއެވެ. ސިއްޙީ މަހިރުން ޤަބޫލުކުރާ ގޮތުން މި ބައްޔަށް އެންމެ އަވަހަށް ވެސް ވެކްސިނެއް ބޭނުން ކުރެވެން ފެށޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

މިހާތަނަށް ދުނިޔޭގެ 213 ސަރަޙައްދަކުން ޖުމްލަ 21,321,277 ކޮވިޑް-19 އަށް ފައްސިވެ، އޭގެތެރެއިން 762,369 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 14,123,384 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު